މާލެއިން ދ. ވާނީއަށް ދަތުރުކުރި ފުލުހުންގެ "ލޯންޗު 54″ ގެ ފަޅުވެރިން، ކަނޑުމަތީގައި ހާލުގައި ޖެހިފައި އޮތް ޗައިނާގެ ފަތުރުވެރިޔަކު ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 14:26 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ފަތުރުވެރިޔާ ފެނިފައިވަނީ ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާދަމުން ގޮސް، ރިސޯޓާ ގާތްގަނޑަކަށް އެއް މޭލު ބޭރަށް ނިކުމެފައި ވަނިކޮށެވެ. ފުލުހުންގެ ލޯންޗަށް މި ފަތުރުވެރިޔާ ފެނުމާއެކު، ލޯންޗުގެ ފަޅުވެރިން ވަނީ ވަގުތުން ހުށިޔާރުކަމާއެކު އޭނާ ސަލާމަތްކޮށް ލޯންޗަށް އަރުވާފައެވެ. އަދި އެއްވެސް އަނިޔާއެއް ނުލިބި ރައްކާތެރިކަމާއެކު އޭނާ ވަނީ އަނބުރާ ރިސޯޓަށް ގެންގޮސްދީފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ލޯންޗު 54 ގެ ފަޅުވެރިން ދެއްކެވި ހުށިޔާރުކަމާއި، ސަމާލުކަމުގެ ސަބަބުން ބޮޑު ނުރައްކަލަކުން ފަތުރުވެރިޔާ ވަނީ ސަލާމަތްވެފައެވެ.
ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މޫދަށް އެރޭ ފަރާތްތަކުން ކަނޑުގެ އޮޔާއި ވަޔަށް ސަމާލުވުމަށާއި، ކަނޑައެޅިފައިވާ ރައްކާތެރި ސަރަހައްދުތަކުގައި މޫދަށް އެރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ކަނޑުގެ އޮއިވަރު ހުންނަ ގޮތް ދެނެގަނެ، އަމިއްލަ ސަލާމަތަށް އިސްކަންދިނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ފުލުހުން ހަނދާންކޮށްދެއްވައެވެ.