MTCC

މިއަހަރުވެސް ފަލަސްތީނަށް ރާއްޖެއިން 50،000 ޑޮލަރު ދޭން ނިންމައިފި

HMNJCGHbEAAyjjy

މިއަހަރުވެސް ފަލަސްތީނަށް ރާއްޖެއިން 50،000 ޑޮލަރު ދޭން ނިންމައިފި

SHARE

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ، އަންރުވާ މެދުވެރިކޮށް މި އަހަރުވެސް 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ އދ. ގެ މައި މަރުކަޒުގައި ބޭއްވި "އަންރުވާ ޕްލެޖިންގް ކޮންފަރަންސް" ގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ޑރ. އަލީ ނަސީރުގެ ވާހަކަފުޅުގައި، އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ގޮތުން ނިންމާ ނިންމުމެއް ނޫންކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި މިއީ އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ދެމެހެއްޓުމަށްޓަކައި ކުރާ މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްރާއީލުން އަންރުވާއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކާއި، އެ އެޖެންސީގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ މަންދޫބު އަލިއަޅުއްވާލެއްވިއެވެ. އަންރުވާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމަޢަށް ގޮވާލައްވަމުން، ދިވެހި ރައްޔިތުން އަބަދުވެސް ތިއްބަވާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ޑރ. ނަސީރު ތަކުރާރު ކުރެއްވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 2024 ވަނަ އަހަރުވެސް ދިވެހި ސަރުކާރުން ވަނީ އަންރުވާއަށް 50,000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.