MTCC

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސް އިފްތިތާހު ކޮށްދެއްވައިފި

HMMyLAvacAAmtTW

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސް އިފްތިތާހު ކޮށްދެއްވައިފި

SHARE

ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026″ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި މާލީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުހިންމު ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ.

މި އަހަރުގެ އެކްސްޕޯ ބާއްވަނީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުންނެވެ. މި އެކްސްޕޯގައި ރާއްޖޭގައި ހަރަކާތްތެރިވާ ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސްގެ ޚިދުމަތްދޭ އެކި ފަރާތްތަކުގެ އިތުރުން، ގާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ބައިވެރިވެއެވެ.

މި އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމުގައި ބައިވެރިވާ މުއައްސަސާތަކާ ސީދާ ގޮތުން ގުޅި، އެ ފަރާތްތަކުން ދޭ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު އާންމުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އަދި މާލީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އައު އީޖާދުތަކަށް އާންމުން ހޭލުންތެރިކުރުވުމަކީވެސް މި އިވެންޓުގެ މުހިންމު މަޤްޞަދެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކްސްޕޯ އިފްތިތާހު ކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުވެސް އާންމުންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މާލީ ދާއިރާއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް މިތަނުން ލިބިގެންދާނެއެވެ.