MTCC

އާރަށް މައްސަލަ: ދައުލަތުން ހުށަހެޅި އާ ހެކިތައް ސުޕްރީމް ކޯޓުން ބަލައިނުގަތް

images (1)

އާރަށް މައްސަލަ: ދައުލަތުން ހުށަހެޅި އާ ހެކިތައް ސުޕްރީމް ކޯޓުން ބަލައިނުގަތް

SHARE

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތައް ސާބިތުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ބުނެ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެވެ. ކްރިމިނަލް ކޯޓުން އެދުވަހު ކުށް ސާބިތުވާ ކަމަށް ނިންމީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިތައް ނަފީކުރުމަށް ދައުލަތުން ހުށަހެޅި "އާ ހެކިތަކުގެ" މައްޗަށް ބިނާކޮށެވެ.

ނަމަވެސް، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ނިންމީ ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަކީ ގާނޫނީ ގޮތުން ގޯސް ނިންމުމެއް ކަމަށެވެ. އެއާއެކު ހައިކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައެވެ.

ހައިކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޕީޖީ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މިއަދު އިއްވި ހުކުމުގައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށާއި، ޕީޖީން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު އަލުން ހިނގަމުންދާ މި މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައި އޮތީ ސުޕްރީމް ކޯޓުން މި އިސްތިއުނާފީ މައްސަލާގައި ގޮތެއް ނިންމަންދެނެވެ. މިއަދުގެ ހުކުމާއެކު، ދައުލަތުން ހުށަހެޅި އާ ހެކިތައް ނުހިމަނައި، ކްރިމިނަލް ކޯޓުން މި މައްސަލަ އަލުން ބަލައި ގޮތެއް ނިންމަން ޖެހޭނެއެވެ.