ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް، ދައުލަތުގެ އާ ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" (ސްޓޭޓްފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މިއަދުން ފެށިގެން އެ ކުންފުނީގެ ދަށުން ޚިދުމަތް ދޭން ފަށައިފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދިޔަ މި ބަދަލުކުރުމުގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާ ނިމި، މިއަދު މިވަނީ ރަސްމީކޮށް ސްޓޭޓްފާމާގެ ދަށުން ހުރިހާ ފާމަސީތަކެއް އޮޕަރޭޓް ކުރަން ފަށާފައެވެ.
ސްޓޭޓްފާމާއިން ބުނި ގޮތުގައި، މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ބޭހުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މި ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެވެ. މިފަދަ ގައުމީ މުހިންމު ޒިންމާއަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
އެ ކުންފުނީގެ އެންމެ އިސް މަގްސަދަކީ ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް ފެންވަރު ރަނގަޅު، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް ސްޓޭޓްފާމާއިން މައުލޫމާތު ދީފައިވެއެވެ.
ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި މަސައްކަތުގެ ދަށުން 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން، 01 އޭޕްރިލް 2026 އިން ފެށިގެން ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ބަދަލުތައް ތަންފީޒު ކުރަމުންދާ ދަނޑިވަޅުގައި، ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް އެއްވެސް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި ޚިދުމަތާ ގުޅޭގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ސްޓޭޓްފާމާއިން ވަނީ ދީފައެވެ.