ދިވެހި ހަޟާރަތާއި ފަންނުވެރިކަން ދައްކުވައިދޭ ރާއްޖޭގެ އާސާރީ ހިރިގަލު މިސްކިތްތައް، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އަންނަ އަހަރުގެ ފަހުކޮޅު ހިމެނިގެންދާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، މި ތާރީޚީ މަސައްކަތުގެ ނޮމިނޭޝަން ފައިލް ތައްޔާރުކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަވެފައިވާތީ، ޔުނެސްކޯއިން މިހާރު އެ ފައިލް ބަލައިގަނެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ކުރިއަށް އޮތް މަރުހަލާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޓީމުން ރާއްޖޭގެ މިސްކިތްތައް ބަލައި، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
"އިވެލުއޭޓްކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެނެސް ހުށަހެޅުމުން، 2027 ވަނަ އަހަރުގެ ފަހުކޮޅުގައި މި މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ،" ހީނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް ކާމިޔާބު ނުވެ އޮތް މުހިންމު މަސައްކަތެކެވެ. މި ލިސްޓަށް އެރުވުމަށްޓަކައި ސަރުކާރުން މިހާތަނަށް ހުށަހަޅާފައިވަނީ މުހިންމު ފަސް މިސްކިތެކެވެ. އެއީ:
- މާލޭ ހުކުރު މިސްކިތް
- ހއ. އިހަވަންދޫ އާސާރީ މިސްކިތް
- ރ. މީދޫ ބާ ހުކުރު މިސްކިތް
- އދ. ފެންފުށި އާސާރީ މިސްކިތް
- ލ. އިސްދޫ އާސާރީ މިސްކިތް
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެން ދިއުމަކީ ދިވެހި ގައުމަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ހެރިޓޭޖް މިނިސްޓްރީން މިހާރުވެސް ދަނީ ވަރަށް ފުރިހަމައަށް ކުރަމުންނެވެ.