MTCC

60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުވި: ހީނާ

6b9db8b7-7a29-4788-a10d-c980ab6413c7

60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުވި: ހީނާ

SHARE

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކަށް ސަރުކާރުން ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިނިވަން ދުވަހުގެ ހަރަކާތްތަކަށް އެ ވުޒާރާއިން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި މުނާސަބަތާ ގުޅިގެން އެ ވުޒާރާގެ ފަރާތުން ހަރަކާތެއް ހިންގާފައިނުވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މި ވުޒާރާއިން ހިންގެވި ހަރަކާތްތަކަށް ޖުމްލަ ހަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ. މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި ހަރަކާތް ހިންގާފައެއް ނުވޭ،" ވަޒީރު ހީނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް މާލެ އާއި ހުޅުމާލޭގައި ފާހަގަކޮށްފައިވަނީ ގައުމީ ރޫހު އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އިތުރުކުރުމުގެ މަގުސަދުގައެވެ. މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ކެޑޭޓުކޯގެ ހިނގާލުމުގެ އިތުރުން، ސްކޫލު ކުދިންގެ ކުޅިވަރުތަކާއި ސަގާފީ އައިޓަމްތައް ހިމެނޭ ފުޅަނދުބުރު ވަނީ ބާއްވާފައެވެ.

މީގެ އިތުރުން، "މިނިވަން 60″ ފާހަގަކުރުމަށްޓަކައި ހާއްސަ ލޯގޯއެއް ފަރުމާކޮށްފައިވާ އިރު، އެ ލޯގޯ ފަރުމާކުރި ފަރާތަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.