MTCC

ތިލަފުށީ ވިޔަފާރި ބަނދަރުގެ ބިންގާ އަންނަ މަހު އަޅަނީ

download (1)

ތިލަފުށީ ވިޔަފާރި ބަނދަރުގެ ބިންގާ އަންނަ މަހު އަޅަނީ

SHARE

މާލޭގެ ކޮމާޝަލް ޕޯޓް ނުވަތަ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު ބިންގާ އެޅުމަށް ނިންމައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.

މާލޭގެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ޖެހުނު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާލޭގެ މިހާރުގެ ބަނދަރަކީ މީގެ 40 އަހަރު ކުރީގެ އާބާދީއާއި ވިޔަފާރީގެ ޑިމާންޑަށް ބަލައި ފަރުމާކޮށްފައިވާ ތަނަކަށް ވުމުން، މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އެ ބަނދަރުން ހައްލު ނުލިބޭ ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ވައިގެ ބަނދަރު ތަރައްގީވަމުން އައި ނަމަވެސް، ކަނޑުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށްވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

"ސަރުކާރަކުން އެ މަސައްކަތްކުރަން ނިންމީމަ ކުރެވޭނީ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ އެ މަސައްކަތް ކުރައްވަން. އެހެންވެ 6 އެއް ޖުލައިގައި އެތަނުގެ ބިންގާ އެޅި، 2027 ނޮވެންބަރަށް މާލޭ ކޮމާޝަލް ޕޯޓަލް ތިލަފުއްޓަށް ބަދަލުކުރެވުމުގެ މަސައްކަތް ނިމިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ކުޅުދުއްފުށީ ބަނދަރާއި އައްޑޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ކުޅުދުއްފުށީ ބަނދަރުގެ ބިން އިތުރުކުރުމާއި، ދެ ސަރަހައްދުގައިވެސް ޑިއުޓީ ފްރީކޮށް މުދާ ރައްކާކުރެވޭނެ އިންތިޒާމުތަކާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއު ނިމުމުން، މާލޭގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، މުދާ ކްލިއަރ ކުރުމުގެ އަވަސް މަރުހަލާއެއް ގާއިމުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.