މާލެއަށް ކުރިމަތިވެފައިވާ ދަތުރުފަތުރާއި ތޮއްޖެހުމުގެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ޝާމިލުވާގޮތަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ރައީސްގެ އިސްނެންގެވުމަށް މިހާރު ފަށާފައިވާ މި މަސައްކަތުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގެ އިތުރުން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓުމެންޓާއި، އެންވަޔަރަމެންޓް މިނިސްޓްރީއާއި، ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތަކީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ބަދަލާއެކު މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށްވެސް މި މަޝްރޫއުގެ ތެރެއިން ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"މީގެ ކުރިންވެސް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން އެބަހުރި ކަންތައްތަކެއް ވަރަށް ރަނގަޅު ކަންތައްތަކެއް ޓްރާންސްޕޯޓު މިނިސްޓްރީން ކުރައްވާފައި. ނަމަވެސް ރައްޔިތުންގެ ފީޑްބެކާއި ޓްރާންސްޕޯޓް މިނިސްޓްރީން ކުރައްވާފައިވާ ކަންތައްތަކާއެކު މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ މިކުރަނީ އެނގުންވާ ކަހަލަ ބައެއް ލުއިތަކެއް ގެނެވޭނެ ގޮތްތަކެއް،" ސައީދު ވިދާޅުވިއެވެ.
މާލެއަކީ އުޅަނދުފަހަރު ގިނަ، ތޮއްޖެހުން ބޮޑު ސިޓީއަކަށް ވީއިރު، ހުޅުމާލޭގެ ތިން ފިޔަވަހި ތަރައްގީވަމުން އަންނާތީ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބުރިޖު މެދުވެރިކޮށް ކުރާ ދަތުރުތަކާއި މާލޭގެ އެތެރޭގެ ދަތުރުފަތުރަށް ވަށާޖެހޭ ދެމެހެއްޓެނެވި ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.
މި މަސައްކަތުގައި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ރައްޔިތުންގެ ލާބައަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވަމުން، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން މި ކަމުގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.