މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން ނޭނގޭ ކަމަށް އަނިޔާ ލިބުނު މީހާ ކޯޓުގައި ބުނި ނަމަވެސް، އެ މައްސަލައިގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2024 ވަނަ އަހަރު ފެންމަތިވި މި ހާދިސާގައި ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އޭގެ ތެރޭގައި އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން ދިޔަ ނަފާހް އަދި ޒަޔާންގެ އިތުރުން ސާމީ، ނައުޝާން އަދި ސާއިފް ހިމެނެއެވެ. އަނިޔާލިބުނު މީހާއަކީ މީގެ ތެރެއިން ބައެއް މީހުންނާއެކު އެއް ތަނެއްގައި މަސައްކަތް ކުރި މީހެއްކަން ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އަނިޔާލިބުނު މީހާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މެއި 24، 2024 ގައި ސާމީ އޭނާއާ ހަވާލުކުރި މަސްތުވާތަކެތި ގެއްލުމާ ގުޅިގެން މާލޭގެ ގެއަކަށް ގެންގޮސް ރަހީނުކޮށް އަނިޔާކުރި ކަމަށެވެ. އެގޮތުން ނަފާހް ކަންވާރުން މަޅިއެއް ހަދައި އޭނާގެ ކަރުގައި އެޅުވި ކަމަށާއި، ޖޫން 23 ވަނަ ދުވަހު ސާއިފް ޕައިޕް ކަޓަރަކުން އޭނާގެ ވާއަތުގެ ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ ވަގުތު އެ ތަނުގައި ސާމީ އާއި ނައުޝާން ތިބި ކަމަށާއި، ފަހުން ޒަޔާން ގޮސް އޭނާގެ މޫނުމަތީގައި ޖަހައި އަނިޔާކުރި ކަމަށްވެސް ތަހުގީގަށް ބުންޏެވެ.
ނަމަވެސް، މައްސަލައިގެ ޝަރީއަތް ފެށުމުން އަނިޔާލިބުނު މީހާ ވަނީ އޭނާގެ ބަޔާން މުޅިން ބަދަލުކޮށްފައެވެ. ކޯޓުގައި އޭނާ ބުނީ އެ ދުވަސްވަރު ކަންތައް ހިނގި ގޮތް ހަނދާން ނެތް ކަމަށާއި، ދައުވާ ލިބޭ އެއްވެސް މީހަކު އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އިނގިލި ބުރިވީ ޕަވާޓޫލެއް ބޭނުންކުރަނިކޮށް ކަމެއް ނުވަތަ ބަޔަކު ބުރިކޮށްލީ ކަމެއްވެސް ނޭނގޭ ކަމަށާއި، ފުލުހުންނަށް ބަޔާން ދިންއިރު ހުރީ ވަރަށް ބޮޑަށް މަސްތުވެގެން ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ، އަނިޔާލިބުނު މީހާ ޝަރީއަތުގައި ދިމާ އިދިކޮޅަށް ވާހަކަދައްކައި، އޭނާއަށް ކަނޑައެޅިގެން އެނގޭނެ ކަންކަމުގައި އިތުރުފުޅު ހަދާފައިވާކަން އެނގޭ ކަމަށެވެ. އެހެންކަމުން، އޭނާ ޝަރީއަތުގައި ދިން ހެކިބަހުގެ ފުށުއަރާ ބައިތައް އެއްފަރާތްކޮށް، ތަހުގީގަށް ދީފައިވާ ބަޔާނާއި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށް، ދައުވާ ލިބުނު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ކުށް ސާބިތުވި ހަތަރު މީހުން ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދައުވާ ލިބުނު މީހުން ބަންދު މަރުހަލާގައި ބުނެފައިވަނީ އެމީހުން އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ.
މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެ ސައިފުގެ މައްޗަށް 15 އަހަރުގެ ހުކުމެއް ވަނީކޮށްފައެވެ. ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ ކުށުގައި ބައިވެރިވިވުމުގެ ކުށް ސާބިތުވެ ސާމީ އާއި ނައުޝާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހުގެ ހުކުމެކެވެ. އަދި ހަމައެއާއެކު އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށް ސާބިތުވެ ޒަޔާންއަށް ކުރީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ މުއްދަތަށް ބަންދުގައި ހުރުމުން އޭނާ އިތުރަށް ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.
އެ ކުށުގައި ބައިވެރިވިކަމުގެ ދައުވާ ދެން ކުރި ނަފާހުގެ މައްޗަށް ދައުވާ ސާބިތެއް ނުވިއެވެ.