MTCC

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

463689_fb29b88d-c_

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

SHARE

ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައި ވަނީ ދެފުށްފެންނަ ގޮތަށް ރައްޔިތުންނާއި ގާތުން ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މަގްސަދުގައެވެ. އެގޮތުން ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (ޕިމްސް)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރައްވުމަށްފަހު، ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ހާއްސަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމެވުމަށްޓަކައި، މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާއެކު ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ހާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.