ރައްޔިތުންގެ ޝަކުވާތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުސަތު ފުޅާކުރުމުގެ ގޮތުން، ވަކިވަކި ފަރުދުންނާ ބައްދަލުކުރެއްވުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި ރައީސް އޮފީހުން އުސޫލެއް އެކުލަވާލައިފިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަގުތު ހަމަޖައްސަވާނެ ކަމަށެވެ. މި ބައްދަލުވުންތައް ބާއްވާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، ވަރަށް އަވަހަށް އެކަން އިޢުލާންކުރައްވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، މިހާރުވެސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާއި އެކި ހަފްލާތަކުގެ ތެރެއިން ރައްޔިތުންނާ ބައްދަލުވަމުންދާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހައިން އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސީރީޒްގައި ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަށްތައް އަތުރާލެވިފައިވާ ގޮތުން އެކި ސަރަހައްދުތަކުގައި ތިބި އާންމުންނަށް މާލެ އައިސް ރައީސާ ބައްދަލުކުރުމަކީ ދަތި ކަމެކެވެ. އެހެންކަމުން، މި އައު ޕްރޮގްރާމްގެ ތެރެއިން އެކި ފަންނުތަކުގެ މީހުންނަށާއި އާންމު ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ވަނީ ރޭވިފައެވެ.
"ރާއްޖެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ފުރުސަތު ލިބޭނެހެން، އެކި ފަންނުތަކާއި އެކި ދާއިރާތަކުގެ މީހުންނަށް ފުރުސަތު ލިބޭނެހެން ގެންދަނީ، އޭރަށް ރައީސަށް ޝަކުވާއެއް ލިބިވަޑައިގެންނެވީމަ އެކަމަށް ހައްލެއް ހޯދުމަށްވެސް ފަސޭހަވެގެންދާނެތާއޭ އެކި ދާއިރާތަކުން މީހުންނާ ބައްދަލުކުރެއްވީމަ." މުންދު ވިދާޅުވިއެވެ
މީގެ އިތުރުން، ރައީސާ ސީދާ ބައްދަލުނުކުރެވޭ ހާލަތްތަކުގައިވެސް ރައީސް އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތައް އޮޅުންފިލުވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މި ޕްރޮގްރާމް ފެށުމުން، ރައީސް އޮފީހަށް ސިޓީ ހުށަހަޅައިގެން ބައްދަލުވުމަކަށް އިންތިޒާރުކުރަންޖެހޭ އޮތް އޮތުމަށް ނިމުމެއް އައިސް، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސަރުކާރަކަށް ވުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.