MTCC

އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކުވެސް އަސާސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ: މުންދު

730182281_1314193847546229_244491668291561192_n

އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކުވެސް އަސާސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ: މުންދު

SHARE

ދައުލަތުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށްޓަކައި ސަރުކާރުން އިގްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބުރޫއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، މާލީ އިސްލާހީ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރައްޔިތުންގެ ދިރިއުޅުމަށް ދަތިނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަސާސީ ޚިދުމަތްތައް ހުއްޓާލައިގެން މާލިއްޔަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަރަނި އަދާކުރުމަށް އިސްކަންދިނުން

ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް ވަގުތަށް ދެއްކުމަށް ކަމަށެވެ. ބޭރުގެ ދަރަންޏެއް ދެއްކުމުގައި ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމުގެ އިގްތިސާދަށް ފޯރާނެތީ، އެކަމަށް ސަރުކާރުން ފާރަވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި ސަރުކާރުން ނުބުނޭ އަޅުގަނޑުމެން މިއޮތީ ވަރަށް ރަނގަޅު ހާލަތެއްގައޭ. ނޫން،" މުންދު ވިދާޅުވިއެވެ.

އެތެރޭގެ ދަރަނި މެނޭޖްކުރުން

ރާއްޖޭގެ އެތެރޭގެ ދަރަނި ހުރީ ސަރުކާރުން ހިތްހަމަޖެހޭ މިންވަރަށްވުރެ މަތީގައިކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ އެކަން ހައްލުކުރަމުންދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. އެތެރޭގެ ދަރަނި ކުޑަކުރުމަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައިވެސް، އުނިކުރާނީ ހަމައެކަނި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ކަމަށާއި، ރައްޔިތުންނަށް ދެވޭ ސަބްސިޑީއާއި އާސަންދަ ފަދަ ޚިދުމަތްތަކަށް އޭގެ އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ބޭރު ފައިސާގެ ތާށިކަމާއި ބޭންކުތަކުގެ ހާލަތު

މި ބައްދަލުވުމުގައި މުންދު ވަނީ ބޭންކުތަކުން ޑޮލަރު ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ ދިފާއުގައިވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭންކުތަކުން ޑޮލަރު ހިފަހައްޓަނީކީ ނޫނެވެ. ނަމަވެސް ބޭރު ފައިސާ ލިބޭ މިންވަރަށް ބަލައި، ބޭންކުތަކުގެ ރިޒާވް ރައްކާތެރި މިންވަރެއްގައި ހިފެހެއްޓުމަކީ މާލީ ނިޒާމުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޑޮލަރުގެ ޑިމާންޑް އިތުރުވުން

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބޭރުގެ މުއާމަލާތްތަކަށް އޮތް ޑިމާންޑް ބޮޑުތަނުން އިތުރުވެފައިވާކަން ތަރުޖަމާނު ހާމަކުރެއްވިއެވެ.

  • 2023 ވަނަ އަހަރު: މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.9 ލައްކަ ކާޑު މުއާމަލާތް (25 މިލިއަން ޑޮލަރު).
  • މިހާރު: މަހެއްގެ މައްޗަށް 3 ލައްކައަށްވުރެ ގިނަ ކާޑު މުއާމަލާތް (50 މިލިއަން ޑޮލަރު).

މި އިތުރުވުމަކީ ރާއްޖޭގައި ފުޅާވަމުންދާ އީ-ކޮމާސް އާއި 'ކްރިއޭޓަރ އިކޮނޮމީ' ގެ ސަބަބުން ދިމާވެފައިވާ ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

ނިންމަވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކާއެކު ދައުލަތުގެ ޚަރަދުތައް ކުޑަވެ، މާލީ ހާލަތު ކުރިއަށް އޮތް ތަނުގައި ރަނގަޅުވެގެންދާނެ ކަމަށެވެ.