MTCC

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ޑިޖިޓަލްކޮށް "ހާބާ ޕޯޓަލް" ތައާރަފުކޮށްފި

thumbnail-9-876x656

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ޑިޖިޓަލްކޮށް "ހާބާ ޕޯޓަލް" ތައާރަފުކޮށްފި

SHARE

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، ހިދުމަތްތައް އަވަސްކުރުމުގެ މަގުސަދުގައި "ހާބާ ޕޯޓަލް" ގެ ނަމުގައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އިފްތިތާޙުކޮށްފިއެވެ.

މި އާ ޕޯޓަލް ތަޢާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި، ބޭނުންވާ ހުއްދަތަކަށް އެދި ހުށަހެޅުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމެވެ. މީގެ އިތުރުން، އުޅަނދުތަކުގެ ވެރިންނާއި، އޮޕަރޭޓަރުންނާއި، ފަޅުވެރިންގެ އިތުރުން ކަމާބެހޭ އިދާރާތަކާ ދެމެދު އޮންނަ މުޢާމަލާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް މި ޕްލެޓްފޯމް އެހީތެރިވެދޭނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕޯޓަލްގެ ސަބަބުން ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެ ކުންފުންޏަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

"ހާބާ ޕޯޓަލް" ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ފުރަތަމަ މަރުހަލާގައި މައިގަނޑު އިސްކަމެއް ދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމަށާއި، މި ނިޒާމަށް މީހުން ހޭލުންތެރިކުރުވުމަށެވެ. މި މަސައްކަތުގެ ދަށުން އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ބާއްވާފައެވެ. އަދި ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.

އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫޢުގެ ފަހު މަރުހަލާގައި "ހާބާ ޕޯޓަލް" ފުރިހަމައަށް އޮޕަރޭޝަނަށް އަންނާނެއެވެ. އެއާއެކު، ވީއައިއޭގެ ފަޅުތެރޭގެ އެއްވެސް ޚިދުމަތެއް ހޯދުމުގެ ކުރިން، ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން ލާޒިމުވާނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.