ށ. ފުނަދޫގައި އިސްރަށްވެހިންނަށް ޚާއްސަ ހިޔާވައްސެއް ބިނާކުރުމުގެ މުހިންމު މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއީލް އަލީއެވެ. އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، ފުނަދޫގައި ބިނާކުރާ މި ހިޔާވައްސަކީ 40 މީހުންގެ ޖާގައިގެ، ދެ ފަންގިފިލާގެ އިމާރާތެކެވެ. އިސްރަށްވެހިންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ބިނާގައި ސިއްހީ ޚިދުމަތްދޭ މަރުކަޒަކާއި، އިދާރީ އޮފީހެއްގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، އިސްރަށްވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން، މުނިފޫހިފިލުވުމާއި ކަސްރަތު ފަދަ ރިކްރިއޭޝަނަލް ހަރަކާތްތަކަށް ޚާއްސަ ސަރަހައްދެއް ވެސް މި އިމާރާތުގައި ހިމެނޭނެ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ.
ޖުމްލަ 37.46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ފުނަދޫގެ އިސްރަށްވެހިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.