ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އުސޫލުތައް ބަދަލުކޮށް، ކުރީގެ މައްސަލަތަކަށް ނިމުމެއް ގެންނާނެ ކަމަށާއި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ސަރުކާރުތަކުގެ ދައުރު ހަމަވާން ގާތްވުމުން އަވަސްއަރުވާލައިގެން ފުރުސަތުތައް ހުޅުވާލުމެވެ. މީގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ޝަކުވާތައް އިތުރުވެގެންދެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑްގައި ރައީސް ވިދާޅުވީ މީގެކުރިން ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނުފޫޒު ފޯރުވިނަމަވެސް މި ސަރުކާރުން އެއްވެސް ނުފޫޒެއް ބޯހިޔާވަހިކަމުގެ މަޝްރޫއަށް ނުފޯރުވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތުގެ ތެރެއިން އެއްވެސް ފަރާތަކަށް އެމީހަކު ބޭނުންވާ މީހަކަށް އަދި އެއްވެސް އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެ ފުރުސަތެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒްކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައިވެސް ހިނގައިގެން ނުވާނެކަމަށް ޤަބޫލުކުރަނީ. މިހާރު މިހިނގާ ވެރިފިކޭޝަންގެ ތެރެއިންވެސް ވަރަށް ބޮޑަށް ބަލާނަން އެކަންތައް ރަނގަޅަށް ގެންދެވޭތޯ. އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށް." ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ ދައުރުތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބޯހިޔާވަހިކަމަށް އިއުލާނު ކުރުމަކީ، އޭގެ ފަހުން އަންނަ ސަރުކާރަކަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފަކަށް އޮންނަނީ ވެފައެވެ. މީގެ ސަބަބުން މަޝްރޫޢުތައް ހިންގުމުގައާއި، ޙައްޤުވެރިންނަށް ފްލެޓާއި ގޯތި ދިނުމުގައި ގިނަގުނަ އިދާރީ އަދި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެއެވެ.
ސަރުކާރުގެ އަމާޒަކީ މިފަހަރު އެފަދަ ކަންކަން ތަކުރާރުވިޔަނުދީ، ދެފުށް ފެންނަ އަދި ރޭވުންތެރި ނިޒާމެއްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޔަގީންކަން އިތުރުވެ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ދާއިމީ ހައްލެއް ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ކަންކަން ރަނގަޅަށް ގެންދެވޭތޯ ބައްލަވާނެ ކަމަށެވެ.
"އެއީ އަޅުގަނޑު ގަބޫލު ކުރަނީ ބޯހިޔާވަހިކަމަކީ އެންމެ ޒަރޫރީ އެންމެ މުހިންމު ކަންތައް. ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ މުހިންމީ އެމީހަކަށް ރަނގަޅު ދިރިއުޅެވޭނެ ގެދޮރެއް ލިބިފައި އޮތުން. އެހެންމަ އެވަރުގެ ބޮޑު ކަމެއްގެ ތެރޭގަ އެއްވެސް ވަރެއްގެ ނާޖައިޒު ކަމެއް އަދި އެއްވެސް ކަމެއްގަ، ކުޑަކަމެއްގަ ވެސް ހިނގައިގެން ނުވާނެ ކަމަށް ގަބޫލު ކުރަނީ" ރައީސް ވިދާޅުވިއެވެ.
ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ.
ރައީސް މުޢިއްޒު އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ، ބޯހިޔާވަހިކަމަކީ ހަމައެކަނި އިންތިހާބާ ދިމާކޮށް ދައްކާލާ މަންޒަރަކަށް ހެދުމުގެ ބަދަލުގައި، އެއީ ރައްޔިތުންގެ އަސާސީ ހައްގެއްގެ ގޮތުގައި ކަށަވަރުކޮށްދިނުމެވެ. އެގޮތުން މަޝްރޫއުތައް ރޭވުމާއި، އިއުލާނުކުރުމާއި، އަދި ހައްގުވެރިން ކަނޑައެޅުމުގެ އެންމެހާ މަރުހަލާތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.