MTCC

ޤަތަރަށާއި އެކުވެރި ޔޫއޭއީއަށް ސަފީރުން އައްޔަންކުރައްވައިފި

HLo9GJ7bcAAa9pM

ޤަތަރަށާއި އެކުވެރި ޔޫއޭއީއަށް ސަފީރުން އައްޔަންކުރައްވައިފި

SHARE

ގަތަރަށާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، ގަތަރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު ދެއްވީ ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފަށެވެ. އަދި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު ދެއްވީ ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމަށެވެ.

މި ދެ ބޭފުޅުން ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރެއްވި ތޯރިގް އިބްރާހިމަކީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި، އަދި މިހާރުގެ ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ބަދަލުގައި އައްޔަންކުރެއްވި ބޭފުޅެކެވެ. މުންދު އެ މަގާމުން ވަކިކުރައްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގަތަރަށް ރާއްޖޭގެ ފަރާތުން ސަފީރަކު އައްޔަންކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް ޑރ. މުއިއްޒު ގާއިމުކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

މި ސަފީރުން އައްޔަންކުރެއްވުމަކީ ރާއްޖެއާއި މި ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.