ސިޔާސީ ފިކުރުގެ ސަބަބުން ތައުލީމީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް މި ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝުޖާއު ވަނީ ކުރީ ސަރުކާރުން ސިޔާސީ ފިކުރުގެ ސަބަބުން ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށް، އެކަމާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ވަކި ސިޔާސީ ފިކުރެއް ގެންގުޅުމުގެ ސަބަބުން އެއްވެސް ޓީޗަރަކަށް ނުވަތަ ޕްރިންސިޕަލަކަށް މިހާތަނަށް މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިސް މިނިސްޓަރު މަގާމާ ހަވާލުވިއިރު، ތައުލީމީ ދާއިރާގައި އިދާރީ ގޮތުން ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ. އެގޮތުން 23 ޕްރިންސިޕަލަކު ތިބީ އެ މީހުން ތިބެންޖެހޭ ރަށްރަށް ނޫން އެހެން ރަށްރަށަށް މަޖުބޫރުން ބަދަލުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު އެ ހުރިހާ ކަމެއް ވަނީ ރަނގަޅުކޮށްދެވިފައި. އެ މުވައްޒަފަކު ހުންނަންޖެހޭ ތަނެއްގައި، އެ މުވައްޒަފަކު ބޭނުންވާ ރަށެއްގައި މިހާރު ވާނީ ބަހައްޓާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުގެ ދުވަސްވަރު ވަކި ސިޔާސީ ފިކުރެއްގައި ތިބުމުން ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ޓީޗަރުންގެ ފަރާތުން 200 އަށްވުރެ ގިނަ ޝަކުވާ މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވެއެވެ. އެހެންކަމުން، މި ސަރުކާރުގެ އަމާޒަކީ އެއްވެސް މުވައްޒަފަކަށް ސިޔާސީ ގޮތުން ދުއްޕާން ނުކޮށް، އަމާން މާހައުލެއްގައި މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.