MTCC

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުން ގަވާއިދާ ހިލާފު: މިނިސްޓަރު ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުން ގަވާއިދާ ހިލާފު: މިނިސްޓަރު ޝަފީއު

SHARE

ދައުލަތުގެ ތައުލީމީ މުއައްސަސާތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށާއި، އެފަދަ ޔޫނިއަންތައް ބަލައިނުގަނެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިސްކަންދަރު ސްކޫލުގެ މުދައްރިސުން އުފެއްދި "އިސްކަންދަރު ވޯކް ޔޫނިއަން" ބަލައިނުގަތުމަށް އެ ސްކޫލުގެ މެނޭޖްމަންޓަށް އަންގާފައިވަނީ އެއީ ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްފައިވާތީ ކަމަށެވެ.

މި ނިންމުމަކީ ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދުގެ 12 ވަނަ މާއްދާއާ ހަވާލާދީ، އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަންއެއް އުފެއްދިދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ސްކޫލްތަކަކީ ކުންފުނިތަކާ ހިލާފަށް ހާއްސަ ރައްކާތެރިކަމެއް ދޭންޖެހޭ އަދި ތަރުބިއްޔަތާއި އުނގެނުމުގެ މާހައުލަކަށް ވާތީ، އެތަންތަނުގައި ހިނގާ ކޮންމެ ކަމަކީ ދަރިވަރުންގެ މަސްލަހަތާ ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، ވަކިވަކި ސްކޫލްތަކުގެ ނަމުގައި ޔޫނިއަންތައް ހަދައިގެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި، މި މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާ އަށް ހުށަހެޅުމަށް މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

" އަޅުގަނޑުމެން ގަބޫލުނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެންވެސް ސްކޫލެއްގެ ނަން ބޭނުންކޮށްގެން އުފެއްދިދާނެ ކަމަކަށް. އެ ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅަކަށް ކަމަށް އަޅުގަނޑުމެން ނުދެކެން." ވަޒީރު ވިދާޅުވިއެވެ.

މެންބަރު މައުރޫފް ޒާކިރު ވަނީ، މި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި، އަދި ހޯމް މިނިސްޓްރީން ބޭއްވި ރެލީއަކަށްވެސް އެ ޔޫނިއަނަށް ދައުވަތު ދީފައިވާކަން ފާހަގަކުރައްވައި ސުވާލު އުފައްދަވާފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެ ޔޫނިއަން ރަޖިސްޓްރީކޮށްފައިވަނީ އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުދައްރިސުންގެ ހައްގުތަކަށް އިސްކަންދޭ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މުދައްރިސުންގެ ހައްގުތަކަށް ވަކާލާތު ކުރަނީ ގައުމީ ފެންވަރުގެ ޔޫނިއަންތަކުން ކަމަށާއި، ރާއްޖޭގައިވެސް އެކަމަށްޓަކައި "ޓީޗާސް އެސޯސިއޭޝަން" އޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝަފީއު އިތުރަށް ވިދާޅުވީ މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން އަބަދުވެސް ފުރުސަތު ދޭނެ ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން، ސްކޫލްތަކުގެ ނަންތައް ބޭނުންނުކޮށް ކަމަށް ވިދާޅުވަމުންނެވެ.