MTCC

ބޮޑުތަކުރުފާނު މަގުގެ ތާރުއެޅުމުގެ މަސައްކަތް ޖުލައި 26 އަށް ނިންމަނީ

HIxcc0WaYAAXe9a

ބޮޑުތަކުރުފާނު މަގުގެ ތާރުއެޅުމުގެ މަސައްކަތް ޖުލައި 26 އަށް ނިންމަނީ

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރުއަޅައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަމާޒު ހިފައިފިއެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓް 2 އިން ފެށިގެން ސެގްމަންޓް 5 އާ ހަމައަށް އޮތް 700 މީޓަރަށްވުރެ ދިގު ސަރަޙައްދުގެ މަސައްކަތެވެ. މާރިޗު މަހު އަމަލީ މަސައްކަތް ފެށި މި ސަރަޙައްދުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން މަގު އެއްވަރުކުރުމާއި ސަބް-ގްރޭޑިންގްގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން މަގު ފުޅާކުރުމަށްޓަކައި އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސައި، ޖުމުލަ 610 މީޓަރުގެ ތޮށި ވަނީ މުޅިން އަލުން ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

މާލޭގެ ޓްރެފިކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، މި މަޝްރޫޢުގެ ދަށުން ބޭންކް އޮފް ސިލޯން ކުރިމަތީގައި 580 ސައިކަލަށް ޕާކުކުރެވޭނެ ބޮޑު ޕާކިންގް ޒޯނެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ޒޯން ތަރައްޤީކުރަނީ ތޮށިގަނޑު ބޭރަށް ޖައްސައިގެން އިތުރުކުރި ބިމުގައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މަގުގައި ތާރުއެޅުމުގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެހެން ޕޭވްމަންޓް ހެދުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ކުރީގެ މަރުޙަލާގައި އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ވަނީ ނިންމާފައެވެ. އެ ސަރަޙައްދުގެ މަސައްކަތް ނިމުމާއެކު، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، މާލޭގެ އުތުރު ފަރާތުގެ މަލަމައްޗަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ސަރުކާރުގެ އަމާޒަކީ ޖުލައި 26 ގެ މިނިވަން ދުވަހާ ގުޅުވައި، މިހާރު ހިނގަމުންދާ ސެގްމަންޓްތަކުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.