MTCC

ބޯންމެރޯ ހެދުމަށް ޒަކާތު ހައުސް އިން އެންސްޕާއަށް 2.5 މިލިއަން ރުފިޔާ ދީފި

images (3)

ބޯންމެރޯ ހެދުމަށް ޒަކާތު ހައުސް އިން އެންސްޕާއަށް 2.5 މިލިއަން ރުފިޔާ ދީފި

SHARE

ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަންޖެހޭ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް 2.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްފިއެވެ.

މި އެހީއަކީ މިދިޔަ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ދެވުނު އެހީއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލެސީމިއާ ކުދިންނަށް ދޭ އަހައްމިއްޔަތުގެ ތެރެއިން، ޒަކާތު ފަންޑު މެދުވެރިކޮށް ކޮންމެ އަހަރަކުވެސް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޒަކާތު ހައުސުން ބުނި ގޮތުގައި، ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2014 ވަނަ އަހަރުން ފެށިގެން އެކި މަރުހަލާތަކުގައި ޒަކާތު ފަންޑުން ކުރަމުން އަންނަ ކަމެކެވެ. މީގެ އިތުރުން، އެކި ބާވަތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމުގައިވެސް ޒަކާތު ފަންޑުން މުހިންމު ދައުރެއް އަދާކުރެއެވެ.

ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ ބައްޔަކަށްވާއިރު، މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގެ ސަބަބުން ކުދިން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ނަމަވެސް، މިއީ އިންތިހާއަށް އަގުބޮޑު ފަރުވާއަކަށް ވާތީ، ގިނަ އާއިލާތަކަށް މިކަމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. ޒަކާތު ހައުސުން ފާހަގަކުރި ގޮތުގައި، އެންއެސްޕީއޭ މެދުވެރިކޮށް ފޯރުކޮށްދެވޭ މި ފައިސާއަކީ މިފަދަ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މި އެހީތެރިކަމަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ އިސްލާމީ ރީތި އުސޫލުތައް ދެމެހެއްޓުމަށާއި، ބަލި މީހުންނަށް އޯގާތެރިވުމުގެ ގޮތުން ކުރެވެމުންދާ މުހިންމު މަސައްކަތެކެވެ.