MTCC

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރަނީ

Screenshot-2025-07-04-113235-768x492

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރަނީ

SHARE

ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެ ކުދިން އިމްތިޙާނު ކުރުމުގެ މަރުޙަލާ އަވަސްކުރުމަށްޓަކައި ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އިމްތިޙާނު ކުރުމުގެ ނިޒާމު މިހާރަށްވުރެ ފުޅާކުރަން ޖެހިފައިވާ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަލަށް އެކުލަވާލެވޭ ކޮމިޓީތަކާއެކު އެއް ވަގުތެއްގައި ގިނަ ދަރިވަރުންތަކަކަށް އިމްތިޙާނު ދިނުމުގެ ފުރުސަތު ފަހިވެ، އިމްތިހާނަށް އިންތިޒާރުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.

"ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މި ދަނީ މަސައްކަތްކުރަމުން. މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ވަނީ ފާހަގަ ވެފަ. މި މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މިނިސްޓްރީން މިދަނީ މަޝްވަރާކުރަމުން" ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ޙާފިޒުން އުފެއްދުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަނިވެސް 1,400 އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ހިތުދަސްކުރަމުން އެބަދެއެވެ.

ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ހާފިޒުންނަށް ދައުލަތުން ދޭ ޚާއްސަ އިނާޔަތް މިހާރު ވަނީ ކުރިއަށްވުރެ ދެގުނަ ބޮޑުކުރައްވާފައެވެ. މިއީ ޤުރްއާން ހިތުދަސްކުރުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކޮށް، ހާފިޒުންގެ އަގު ވަޒަންކުރުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެންނަ މި ބަދަލުތަކާއެކު، ހާފިޒުކަމުގެ ސަނަދު ހޯދުމަށް ދަރިވަރުން އުފުލަންޖެހޭ ތަކުލީފުތަކަށް ހައްލެއް ލިބި، ދީނީ އިލްމުގެ މި މަތިވެރި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.