MTCC

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

HLRIonUbEAEllME

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

SHARE

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި ޝަރަފުވެރި ނަސީބުވެރިޔާއަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުތޭނާ އެސްޕަރްޒާއެވެ. އޭނާ ރާއްޖެ އައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ. މިއީ އަލްމުތޭނާ އާއި އޭނާގެ ފިރިމީހާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. މި ދެމަފިރިން ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވ. ފުލިދޫގައި ހުންނަ "ދަ ޕާލް ސީވިއު" ގެސްޓް ހައުސްގައެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިއުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އެމްއޭސީއެލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް، މި ޖޫން މަހުގެ ތެރޭގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހަމަވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ތެލުގެ އަގު އުފުލި ޓިކެޓްގެ އަގުތައް މަތިވުމަކީ މިވަގުތު އޮތް ގޮންޖެހުމެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފާއިތުވި 2023 ވަނަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މި އަމާޒަށް ވާސިލްވެފައިވަނީ ކުޑަދުވަސްކޮޅެއް ލަހުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ގާތްގަނޑަކަށް ފަސް އިންސައްތަ ދަށެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިން އަންނަ ރޫޓްތައް އިތުރުކޮށް، މިއަހަރު ނިމޭއިރު ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. ތިންވަނަ ކުއާޓާއާ ހަމައަށް ދާއިރު މި އަމާޒަށް ކައިރިވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.