ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އޮންނަ އުސޫލުގެ ދަށުން ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަން މެދުވެރިކޮށް ދައުލަތުން ކޮންމެ އަހަރަކު ވެސް ފައިސާ ދޫކުރާނީ އެ އަހަރެއްގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހާ ހަމައަށް މަދުވެގެން 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން މި އަހަރުގެ ބަޖެޓުން ފައިސާ ލިބުނީ 5 ސިޔާސީ ޕާޓީ އަށެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީ، އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މީގެ ތެރެއިން ޕީއެންސީ އަށް 13.31 މިލިއަން، އެމްޑީޕީ އަށް 8.45 މިލިއަން، ޖުމްހޫރީ ޕާޓީ އަށް 2.65 މިލިއަން އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ދޫކުރާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި މިކަމަށް ކަނޑައަޅާފައި ވަނީ އެ ޕާޓީއެއްގައި މެމްބަރުން ތިބި ނިސްބަތުން ބޮލަކަށް 193ރ. އެވެ.