ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މިދިޔަ ބުދަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ނެވެ.
މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖު ވަނީ ފެނިފައެވެ. މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ އެހެން އޮޕަރޭޝަންތަކެއްގައިވެސް 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގިފައި. pic.twitter.com/H95bC8p0D5
— Maldives Customs Service (@CustomsMv) June 18, 2026
މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ. 5،600 ވޭޕް ކާޓްރިޖު ފެނުނު މި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް އެތެރެކުރުން މަނާ އަދި ގަވާއިދާ ހިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރު ސަރަޙައްދުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި، ކާބޯތަކެތީގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 1,100 އަށްވުރެ ގިނަ ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފިއެވެ. ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި އޮޅުވާލައިގެން އެތެރެކުރަން އުޅުނު މި ތަކެތި އަތުލައިގަތީ ކަސްޓަމްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ސަރުކާރުން ވޭޕް މަނާކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި ހިންގި މި އޮޕަރޭޝަނާ ގުޅިގެން ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.