MTCC

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިއްޖެ

boy-with-measles-1296-728-header

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިއްޖެ

SHARE

މާލެ ސަރަހައްދުން ނިމިދިިޔަ ހަފްތާގެ ތެރޭގައި ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު 5 މީހަކު ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައެވެ.

އެޗް.ޕީ.އޭ އިން މައުލޫމާތު ދޭ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި އުމުރުފުރާ އަށް ބަލާއިރު ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ފާހަގަކުރެއެވެ. ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން، ބަލިޖެހުނު މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) 489 މީހަކު ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުންގެ ހާލަތު ކަމާބެހޭ ފަރާތްތަކުން ދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުންނެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗް.ޕީ.އޭ އިން ދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގެ ސަވައިލެންސް ނިޒާމު މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށްފައެވެ. ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން ވީހާވެސް އަވަހަށް ދެނެގަނެ ރިޕޯޓުކުރުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ ޚާއްޞަ އިންތިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން ފުރަތަމަ އިސްކަންދެނީ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަނުކުރާ ކުދިންނަށެވެ. މިހާތަނަށް ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ ވެކްސިން ދީފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 220 މީހަކަށްވެސް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ.

މި ބައްޔަށް އިޖާބަދިނުމަށްޓަކައި ސިއްހީ ޚިދުމަތްދޭ ހުރިހާ ތަންތަނަށް ބޭނުންވާ ސާކިއުލާ އަދި ކްލިނިކަލް ގައިޑްލައިންތައް މިހާރު ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، ބަލި މީހުންނަށް ފަރުވާދިނުމާއި ބަލި ދެނެގަތުމާ ގުޅޭގޮތުން ޞިއްޙީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ފިޒިކަލް އަދި އޮންލައިން ތަމްރީނުތަކެއް ބާއްވާފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސެޝަންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.

އާންމުން މި ބައްޔަށް ހޭލުންތެރިކުރުވުމަށް އެޗް.ޕީ.އޭ އިން ދަނީ މީސްމީޑިއާ އާއި، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް އަމާޒުކޮށްގެންވެސް ހާއްސަ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުންނެވެ.

އެޗް.ޕީ.އޭ އިން އިލްތިމާސްކުރަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށެވެ.