MTCC

ބަނދަރު ބަންދުވި ނަމަވެސް، އަވަހަށް ހަލާކުވާ މުދާ އެމްޕީއެލުން ދޫކޮށްފި

main_featured_lg_202510150317391760523459.9118

ބަނދަރު ބަންދުވި ނަމަވެސް، އަވަހަށް ހަލާކުވާ މުދާ އެމްޕީއެލުން ދޫކޮށްފި

SHARE

1446 ވަނަ އަހަރުގެ ހިޖުރީ އައު އަހަރުގެ މުނާސަބަތާ ގުޅިގެން، މިއަދު މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް ބަނދުވި ނަމަވެސް އަވަހަށް ހަލާކުވާ މުދާ ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އެމްޕީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް މިއަދު އާންމު އުސޫލުން ބަންދުވި ނަމަވެސް، އަވަހަށް ހަލާކުވެދާނެ ފަދަ ކާބޯތަކެތީގެ ބާވަތްތައް ކްލިއާކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ކުންފުނިން އަމަލުކުރާ ހާއްސަ އުސޫލުގެ ދަށުން، މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 އާ ހަމައަށް މިފަދަ މުދާ ދޫކުރުމުގެ ޚިދުމަތް ވަނީ ދީފައެވެ.

މިއީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ކުންފުނިން އެޅި ފިޔަވަޅެކެވެ. އެމްޕީއެލުން ހާމަކުރި ގޮތުގައި، ބަނދަރުގެ އާންމު މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:30 ގައެވެ.

މި މުނާސަބަތާ ގުޅިގެން އެމްޕީއެލުން ވަނީ ހިޖުރީ އައު އަހަރުގެ އިޚްލާސްތެރި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށްފައެވެ. މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އިޢުލާނު ކުރައްވާފައެވެ.