މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ޚާއްސަ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ވާދަވެރި މާހައުލެއްގައި މަސްވެރިކަމުގެ ފޯރި ދިރުވައި، ކަނޑުތަކުގެ ދުވަހުގެ މުހިންމުކަން އަންގައިދިނުމުގެ މަޤުސަދުގައި ބާއްވާ ހަރަކާތެކެވެ. ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މިމަހު 19 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އަށެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މާލެ ސިޓީން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ޝަރުތު ހަމަވާ 20 ޓީމަށެވެ. ރަށްރަށުގައި މި މުބާރާތް ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލްތަކާ ގުޅިގެންނެވެ. ކޮންމެ ޓީމެއްގައި މެނޭޖަރާއެކު ގިނަވެގެން 13 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ދެ ޖިންސުގެ ބައިވެރިންނަށްވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން:
- 1 ވަނަ ޓީމަށް: 30,000 ރުފިޔާ
- 2 ވަނަ ޓީމަށް: 25,000 ރުފިޔާ
- 3 ވަނަ ޓީމަށް: 20,000 ރުފިޔާ
- އެންމެ ބަރުމަސް ބޭނި ފަރާތަށް: 5,000 ރުފިޔާ
މި މުބާރާތުގައި ޕޮއިންޓް ދިނުމުގައި ބަލާނީ ބޭނި މަހުގެ ބަރުދަނަށާއި ބާވަތަށެވެ. އެގޮތުން ރަތްމަހާއި، ފިލޮޅާއި، ގިޔުޅު ފަދަ މަސްމަހުގެ ކިލޯއަކަށް 20 ޕޮއިންޓް ލިބޭއިރު، ތޮޅިއާއި ގިނިމަސް ފަދަ ބާވަތްތަކަށް ކިލޯއަކަށް ލިބޭނީ 10 ޕޮއިންޓެވެ. ނަމަވެސް، 8 އިންޗިއަށްވުރެ ކުދި މަހަށް އެއްވެސް ޕޮއިންޓެއް ނުލިބޭނެ ކަމަށް މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހު 17 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މާލެއިން ބައިވެރިވާ ފަރާތްތަކުން މިނިސްޓްރީއަށް ފޯމު ހުށަހަޅަންޖެހޭއިރު، ރަށްރަށުން ބައިވެރިވާ ޓީމުތަކުން ފޯމު ހުށަހަޅަންޖެހޭނީ އެ ރަށެއްގެ ކައުންސިލަށެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ނަންބަރު 3339225 ނުވަތަ 3339272 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.