ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި އަލަށް ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި މެޝިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ. މިއީ މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަގުސަދުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.
މި ބެގެޖް ސްކްރީނިންގ މެޝިނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ހަދިޔާކުރި މެޝިނެކެވެ. މި މެޝިން އޮޕަރޭޓްކުރާނެ ގޮތުގެ ފަންނީ ތަމްރީނުތައް އެމްއޭސީއެލްއިން ފޯރުކޮށްދީފައިވާއިރު، ތަކެތި ސްކްރީންކޮށް ދެނެގަންނާނެ ގޮތުގެ ޚާއްސަ ތަމްރީނުތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ވަނީ ޖަލުގެ އޮފިސަރުންނަށް ދީފައެވެ.
މި މެޝިން ބޭނުންކުރަން ފެށުމާއެކު، ޖަލަށް އަލަށް ގެނެވޭ ޤައިދީންނާއި ބަންދު މީހުންގެ ތަކެތީގެ އިތުރުން، އާއިލާތަކުން ޤައިދީންނަށް ފޮނުވާ ތަކެތި މިހާރަށްވުރެ ރައްކާތެރިކަމާއެކު ސްކްރީން ކުރެވޭނެއެވެ. މީގެ އިތުރުން، އާއިލީ ބައްދަލުވުންތަކަށާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ހިފައިގެން އަންނަ ތަކެތިވެސް މި މެޝިންގެ އެހީގައި ބަލައި ފާސްކުރެވޭނެއެވެ.
މި ނިޒާމުގެ ސަބަބުން ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށާއި، ޖަލުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.