އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރު މިއަދު ސްވިޒަލޭންޑްގެ ޖެނީވާގައި ފަށާފައިވާއިރު، އެ މަޖިލީހުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހު 15 އިން ޖުލައި 7 ގެ ނިޔަލަށް ކުރިއަށްދާ މި ސެޝަން ފައްޓަވައިދެއްވީ އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް، ވޮލްކަރ ތުރުކެވެ. އެމަނިކުފާނުގެ ބަޔާނުގައި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، މި ސެޝަންގެ އެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ފަރާތުން ގައުމީ ބަޔާންތައް އިއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، "ކޯ ގްރޫޕް" ގެ މެންބަރެއްގެ ހައިސިއްޔަތުން، ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕަޓުއަރގެ މެންޑޭޓް އާކުރުމަށާއި، އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަމާ ގުޅޭ ގަރާރެއް ރާއްޖެއިން ހުށަހަޅާނެއެވެ.
ނޮން-އެލައިންޑް މޫވްމަންޓް އަދި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ މެންބަރެއްގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަތުން އިތުރުވަމުންދާތީ ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަކިން ހާއްސަކޮށް، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކާއި، އިރުމަތީ ގުދުސްގައި ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ ގުޅޭގޮތުން އުފައްދާފައިވާ ކޮމިޝަން އޮފް އިންކުއަރީއާއެކު ބާއްވާ ބަހުސްގައި ރާއްޖެއިން ބަޔާނެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންގައި ބައިވެރިވާ ދިވެހި ވަފުދު އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ކައުންސިލަރ އާދަމް ހާމިދު، ކައުންސިލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އާއިޝަތު ރަޔާހީން އަދި އެޓާޗޭ ރާއިދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ހައްގުތަކަށް އަރައިގަންނަ ހާލަތްތަކުގައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ އދ. ގެ މުހިންމު އިދާރާއެކެވެ. 47 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ މި މަޖިލީހުގެ މެންބަރުކަމުގެ ތިންވަނަ ދައުރު 2025 ވަނަ އަހަރު ރާއްޖެއިން ފުރިހަމަކޮށްފައިވީ ނަމަވެސް، ރާއްޖެއިން ދަނީ މި މަޖިލީހުގެ މަސައްކަތްތަކުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވަމުންނެވެ.