MTCC

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

big_CCAfUaIpz3vt6ieSCJyX2MrDI-e1781526740288-768x485

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

SHARE

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބާއްވާ ދާއިރާތަކުގެ އިންތިޚާބު، އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. މި އިންތިޚާބަކީ ޕާޓީގެ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތާއި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކުރިމަތިލުމުގެ ކަންކަން ކުރިއަށްދާނީ އެކަމަށްޓަކައި ޚާއްސަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށެވެ.
މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ދާއިރާގެ ރައީސް (މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް)
  • ދާއިރާގެ ނައިބު ރައީސް
  • އަންހެނުންގެ ހަރަކާތުގެ ރައީސާ
  • ޒުވާނުންގެ ހަރަކާތުގެ ރައީސް
  • ސްޓިއަރިން ކޮމިޓީގެ ރައީސް

ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާއެއްގެ ރައީސުން ކަމަށް ބަލާނެއެވެ. އެހެންކަމުން، ދާއިރާގެ ރައީސް ހޮވުމަށް ވޯޓުލުން އޮންނާނީ މަޖިލީހުގައި ޕީއެންސީގެ މެންބަރަކު ތަމްސީލުނުކުރާ ދާއިރާތަކުގައި އެކަންޏެވެ.

މި އިންތިޚާބު ޖުލައި މަހު ބޭއްވުމަށް ނިންމި ސަބަބާ ގުޅޭގޮތުން ޢަބްދުއްރަހީމް ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ޕީއެންސީގެ މަތީ މަޖިލީސް (ކޮންގްރެސް) ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެހެންކަމުން، ކޮންގްރެސްގެ ކުރިން ދާއިރާތަކުގެ އިންތިޚާބު ނިންމައި، ޕާޓީގެ ގުނަވަންތައް ފުރިހަމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން، ޕީއެންސީއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ހިންގުންތެރި ސިޔާސީ ޕާޓީއަށް ހެދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.