MTCC

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެޔަކަށް ވަތް މީހަކު ހައްޔަރުކޮށްފި

b4e5b0cd-2a97-4a56-a83a-6ec5ba967c56

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެޔަކަށް ވަތް މީހަކު ހައްޔަރުކޮށްފި

SHARE

އައްޑޫ ސިޓީ، ހިތަދޫގައި މަސްތުވާތަކެތީގެ ހާލި ފަދަ ނުރައްކާތެރި ކުށްތަކަށް މަގުފަހިވާ ގޮތަށް ބޭނުންކުރަމުންދިޔަ "ލާމިޔާގެ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ވަނިކޮށް، އެ ގެއަށް ވަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހިތަދޫ "ލާމިޔާގެ" އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަމާއި ފޭރުން ފަދަ އިޖުތިމާޢީ އެތައް ކުށްތަކަކަށް އަރައިގަންނަ މީހުން އައްޑޫގައި ބޭނުންކުރަމުން ދިޔަ މަރުކަޒެކެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިތުރުވެފައި ވަނިކޮށް، އެ ސަރަހައްދުގެ އަމާންކަން ގާއިމުކުރުމުގެ ގޮތުން ފުލުހުން ވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަންދުކޮށްފައެވެ. 90 ދުވަހުގެ މުއްދަތަށް ބަންދުކުރި މި ގެއަކީ، ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުންކުރާތީ އައްޑޫ ސިޓީން ބަންދުކުރި ފުރަތަމަ ތަނެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށެވެ. އަދި މިފަދަ ތަންތަނުގެ ސީލް ހަލާކުކޮށް، އެކި ގޮތްގޮތުން ގެއްލުންދީ ނުވަތަ އެތަންތަނަށް ވަންނަ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.