އިގްތިސާދީ ގޮތުން ރާއްޖެއަކީ އެހެން ގައުމުތަކާ އަޅާބަލާއިރު ބާކީވެފައި އޮތް އޮތުން މިއަދު ނިމުމަކަށް އަތުވެއްކެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި އުފެއްދުންތެރިންނާއި ޒުވާން ވިޔަފާވެރިންނަށް ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ މުހިންމު ވައުދުގެ ދަށުން، ރާއްޖޭގައި ރަސްމީކޮށް ޕޭޕަލްގެ ޚިދުމަތް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، އޫރިދޫ މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން ޕޭޕަލްގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސް އާމިރު ވަލްޔާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ޑިޖިޓަލް ބަދަލަށް އައި ތާރީޚީ ދުވަހެއް ކަމަށާއި، މިއީ ޒުވާނުންނަށް އެމީހުންގެ ހުނަރުން އާމްދަނީ ހޯދުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވުނު ދުވަސް ކަމަށެވެ.
"ޒަމާންތަކެއް ވަންދެން ތިޔަ ޒުވާނުންނަށް ބުނަމުން އައީ ރާއްޖޭގެ މާކެޓް ކުޑަވުމުން ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިނުވެވޭނޭ ކަމަށް. ނަމަވެސް އެ ހުރަސްތައް މިއަދު މި ނައްތާލީ. މިއަދުން ފެށިގެން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތް ދުނިޔެއަށް ވިއްކައި، އޭގެ ފައިސާ ސީދާ ރާއްޖެއަށް ލިބޭނެ މަގު މިވަނީ ފަހިވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ 'ވިޝަން 2040′ އަށް އަލިއަޅުވާލައްވައި ވިދާޅުވީ، 2030 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިގްތިސާދުން ހިއްސާކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ގޫގުލްއާ ގުޅިގެން ކުރިއަށްގެންދާ 'ދިވަރު' ސަބްމެރިން ކޭބަލް މަޝްރޫއަކީ ވެސް މި ލަނޑުދަނޑި ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއީ ހަމައެކަނި ފެށުމެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި އުފެއްދުންތެރިއަކަށް ވެސް، އެމީހެއްގެ އަމިއްލަ އުފެއްދުން ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ވިއްކޭނެ މާހައުލެއް ގާއިމުކޮށްދިނުން. ޖިއޮގްރަފީގެ ގޮތުން އަޅުގަނޑުމެން ވަކިވެފައި އޮތް އޮތުމަކީ އިގްތިސާދީ ހުރަހަކަށް ވިޔަ ނުދޭނަން،" ރައީސް އިތުރަށް ވިދާޅުވިއެވެ.
މި ޚިދުމަތާއެކު، ރާއްޖޭގެ ފްރީލާންސް މަސައްކަތްތެރިންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ޚާއްސަކޮށް ގެސްޓްހައުސްތަކާއި، ޑައިވް ސެންޓަރުތަކާއި، ކުރެހުންތެރިންނަށް ސީދާ ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުމަށް މަގުފަހިވާނެއެވެ.
ރައީސް މުއިއްޒު ވަނީ ޒުވާން އުފެއްދުންތެރިންނަށް އެހީތެރިވުމަށް މާލޭގައި އަޅަމުންދާ 'ކްރިއޭޓަރ ހަބް' އަންނަ ނޮވެމްބަރު މަހުގެ 11 ގައި ހުޅުވާނެކަން ވެސް އިއުލާން ކުރައްވާފައެވެ. އަދި 2026 ވަނަ އަހަރަކީ ރާއްޖޭގެ 'އުފެއްދުންތެރިކަމުގެ ގައުމީ އަހަރު' ކަމުގައިވެސް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމުގައި އެހީތެރިވި އޫރިދޫ މޯލްޑިވްސް އާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ޝުކުރު އަދާކުރައްވާފައެވެ.