MTCC

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

SHARE

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހުޅުމާލޭގައި ހުންނަ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ.

ހުޅުމާލޭ "އޮރެންޖު ހިޔާ" ގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަކާއެކު ހިންގަމުންދާ މި ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ތަނުގެ އެކި ބައިތަކަށް ބައްލަވާލައްވައި، ބަލިމީހުންނަށް ޚިދުމަތް ދެމުންދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ. މިގޮތުން ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން، ލެބޯޓްރީއާއި ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ މިހާރުގެ ހާލަތު ބައްލަވައި، އެ ތަންތަނުގެ އަދާހަމަ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންނަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ޓެކްނޮލޮޖީއާއި ބޭސްވެރިކަން ކުރިއަރާފައިވީ ނަމަވެސް، ލެއަކީ އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އެއްޗެއް ނެތް މުހިންމު ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދީލަތިކަމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނަށާއި ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ބަލިމީހުންނަށް ވަގުތުން ފަރުވާ ދިނުމަށް މަގުފަހިވާ ކަމަށެވެ. އަދި މިއީ އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމުގެ އިތުރުން އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. މިގޮތުން ތެލެސީމިއާ ކުދިންނާއި އެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މިއަދުގެ މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމެވެ. މީގެ އިތުރުން ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.