MTCC

މާފަރުގައި މެޓް އޮބްޒަވޭޓަރީ ގާއިމުކޮށް، ހިދުމަތް ދޭން ފަށައިފި

Screenshot_2026-06-14-13-32-03-548_com.twitter.android

މާފަރުގައި މެޓް އޮބްޒަވޭޓަރީ ގާއިމުކޮށް، ހިދުމަތް ދޭން ފަށައިފި

SHARE

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ހަވަނަ މޫސުން ބަލާ އޮބްޒަވޭޓަރީ ގާއިމުކޮށް، އެ ތަނުން ރަސްމީކޮށް މޫސުމީ މައުލޫމާތު ފޯރުކޮށްދޭން އިއްޔެ ފަށައިފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަގްސަދަކީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، އޭވިއޭޝަން ދާއިރާއަށް ބޭނުންވާ މޫސުމީ މައުލޫމާތު އިތުބާރާއެކު ފޯރުކޮށްދިނުމެވެ.

މި އޮބްޒަވޭޓަރީ ގާއިމުކުރުމަށް ބޭނުންވާ މޫސުމީ އެންމެ ފަހުގެ އާލާތްތައް މިހާރު ވަނީ މާފަރު އެއާޕޯޓުގައި ހަރުކޮށްފައެވެ. މީގެ ސަބަބުން މަތިންދާބޯޓުތައް ފުރައި، ޖެއްސުމުގައި ކޮންމެހެން ބޭނުންވާ މޫސުމީ ލަފާކުރުންތަކާއި، އިންޒާރުތައް އަދި އެހެނިހެން މައުލޫމާތުތައް ވަގުތުން ވަގުތަށް ސައްހަކަމާއެކު ލިބިގެންދާނެއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މިއީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (އެސްއޯއެފްއެފް) މަޝްރޫއުގެ ދަށުން މި ނިޒާމު އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ވަނީ ރޭވިފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކޮށްފައިވާ ތަނެކެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި މި އެއާޕޯޓުގައި ބައިނަލްއަގުވާމީ ދަތުރުތައް ފަށާފައިވަނީ 1 ޖުލައި 2020 ގައެވެ. މި އެއާޕޯޓު މިހާރު ހިންގަމުންދަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

މި އައު އޮބްޒަވޭޓަރީއާއެކު، ރާއްޖޭގެ މޫސުން ބަލާ ނެޓްވޯކް އިތުރަށް ވަރުގަދަވެ، އުތުރުގެ ސަރަހައްދުތަކުގެ މޫސުމީ މައުލޫމާތު ކުރިއަށްވުރެ ފުރިހަމައަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.