MTCC

މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރައްވައިފި

large-178135379443lafs-768x558

މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރައްވައިފި

SHARE

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރައްވައިފިއެވެ.

މި ކާމިޔާބީއާއެކު މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.

އިއްޔެ ބޭއްވި މި އިންތިޚާބުގައި ސުހާ އާއި ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ މި ގޮނޑި ކާމިޔާބު ކުރެއްވީ 80 ވޯޓުގެ ތަފާތުންނެވެ. ސުހާއަށް ޖުމްލަ 529 ވޯޓު ލިބިވަޑައިގަތްއިރު، ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ މީދޫގައި ބެހެއްޓި ދެ ފޮއްޓަކާއި މާލޭގައި ބެހެއްޓި ފޮއްޓެއްގައެވެ. ތިން ފޮށީގެ ނަތީޖާއިން ވެސް ކުރިހޯއްދެވީ ސުހާއެވެ. އެގޮތުން މީދޫގައި ބެހެއްޓި ފުރަތަމަ ފޮށިން ސުހާއަށް 145 ވޯޓު، ޝާހިދަށް 128 ވޯޓު ލިބުނުއިރު، ދެވަނަ ފޮށިން ސުހާއަށް 149 ވޯޓު އަދި ޝާހިދަށް 129 ވޯޓު ލިބުނެވެ. މާލޭ ފޮށިން ސުހާ ވަނީ 235 ވޯޓު ހޯއްދަވާފައެވެ. ޝާހިދަށް އެ ފޮށިން ލިބުނީ 192 ވޯޓެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ދެވަނަ ފަހަރަށް އިންތިޚާބެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކަށެވެ. އެ އިންތިޚާބުގެ ނަތީޖާ އެންމެ ފުރަތަމަ އިއުލާން ކުރިއިރު ސުހާ އެއް ވޯޓުން ކުރީގައި އޮތް ނަމަވެސް، މައްސަލަ ބަލައި އަލުން ވޯޓު ގުނުމުން ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ 392 އިން އެއްވަރުވެފައެވެ.

ސުހާގެ މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސުހާއަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުހާއަށް ވޯޓު ދެއްވި މީދޫގެ ރައްޔިތުންނަށާއި ކެންޕޭނުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީދޫ ކައުންސިލްގެ ރައީސްކަން ސުހާ ކާމިޔާބު ކުރެއްވިއިރު، އެ ކައުންސިލްގެ މެންބަރުކަމަށް ވެސް ދާދިފަހުން އިންތިޚާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޙުސައިން ރަޝީދެވެ.