MTCC

ހާއްސަ ކެޓަގަރީ: ބެލެނިވެރި ފަރާތުން ފްލެޓަށް އެދޭއިރު އެންސްޕާ ލިޔުން މިހާރު ބޭނުން ނުވާނެ

big_YkDJ6jdCzpzvuyKs63UhlVxA8

ހާއްސަ ކެޓަގަރީ: ބެލެނިވެރި ފަރާތުން ފްލެޓަށް އެދޭއިރު އެންސްޕާ ލިޔުން މިހާރު ބޭނުން ނުވާނެ

SHARE

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ ކެޓަގަރީގެ ދަށުން ފޯމު ހުށަހެޅުމުގައި ބޮޑެތި ލުއިތަކެއް ދީ، އެ ކެޓަގަރީގެ ފޯމަށް ބަދަލުތަކެއް ގެނެސްފައިވާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ކުރި ޕޯސްޓެގައި ބުނެފައިވަނީ، ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅައި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. މިއީ މި ދާއިރާއިން ފޯމު ހުށަހަޅާ ފަރާތްތަކަށް ދިމާވާ އިދާރީ ތަކުލީފުތައް ކުޑަކުރުމަށް ގެނައި ބަދަލެކެވެ.

މި ސްކީމަށް ގެނެވުނު މި ބަދަލާއެކު، ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި، ބޯހިޔާވަހިކަމުގެ ޒިންމާ އުފުލުމަށް އުނދަގޫ ފަރާތްތަކުގެ އިތުރުން 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި އެޕްލިކޭޝަން ހުށަހެޅޭނީ އެފަރާތުގެ ބެލެނިވެރިޔާގެ ގޮތުގައި އެންސްޕާގައި ރަޖިސްޓަރީވެފައިވާ ފަރާތަށެވެ.

މި ކެޓަގަރީއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވުމާއި މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެން ދަތިވެފައިވާ ފަރާތަކަށްވުން، ނުވަތަ ބޭސްފަރުވާއާއި ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުގައި މަދުވެގެން 1 އަހަރު ފަރުވާ ހޯދާފައިވާ ނުވަތަ މެދުނުކެނޑި 5 އަހަރު މާލެ ސަރަހައްދުގައި ދިރިއުޅެފައިވާ ފަރާތަކަށްވުން.

ނުކުޅެދުންތެރިކަމުގެ ސަބަބުން ބޭސްފަރުވާއަށް ގަވާއިދުން މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުރުސަތު އޮންނާނެއެވެ. ނަމަވެސް، ދިރިއުޅޭ ރަށުން އެ ފަރުވާއެއް ލިބެން ހުރިނަމަ މި ޝަރުތުގެ ދަށުން ކުރިމައްޗެއް ނުލެވޭނެއެވެ.

މި ކެޓަގަރީގެ ފޯމަށް ބަދަލުގެނެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 ޖޫން 2026 ގެ 23:59 އެވެ. މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ވީހާވެސް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށެވެ.