ސަރުކާރުން އަލަށް ފެށި "ވަތަނީ ހިދުމަތުގެ ޕްރޮގްރާމް" ގެ ފުރަތަމަ ބެޗުގެ ތަމްރީނުތަކަށްފަހު، ދިވެހި ސިފައިންގެ ހިދުމަތާ ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޠަނީ ހިދުމަތުގެ ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ރޫޙާނީ ގޮތުން ވަރުގަދަ ކުދިންތަކެއް މުޖުތަމަޢަށް ނެރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުން 344 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން ސިފައިންގެ ޚިދުމަތަށް ޝައުޤުވެރިކަން ފާޅުކުރި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް 137 ދަރިވަރަކު ވަނީ ކާމިޔާބީއާއެކު ނިންމާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ޒުވާނުންނަކީ ރާއްޖޭގެ 20 އަތޮޅަކަށް ނިސްބަތްވާ 70 ރަށަކުން އައިސްފައިވާ ކުދިންނެވެ.
މި ކޯހުން އެކި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް މަރުހަބާ ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޚިދުމަތަށް ނުކުތް ހުރިހާ ޒުވާނުންނަށް ސާބަސް ދެއްވާފައެވެ.
މިހާރުވެސް މި ޕްރޮގްރާމްގެ ތިންވަނަ ބެޗުގެ ތަމްރީނުތައް ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ދަނީ ކުރިއަށެވެ. މި ބެޗުގައި 352 ދަރިވަރުން ބައިވެރިވަމުންދާއިރު، ތިން މަސްދުވަހުގެ މި ތަމްރީނުގައި ދީނީ ތަރުބިއްޔަތާއި، އަޚުލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ޤައުމިއްޔަތާ ގުޅޭ ތަފާތު ތަމްރީނުތައް ދަރިވަރުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އޮތް ތަރުޙީބު ބޮޑުކަން ފާހަގަކުރެވެނީ، މި ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 1,785 ޒުވާނުން ބައިވެރިވުމަށް އެދި ހުށަހަޅާފައިވާތީއެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ޒަރީޢާއިން ޤައުމަށް ވަފާތެރި، މަސައްކަތްތެރި ޒުވާން ޖީލެއް އުފެއްދުމެވެ.