ގައުމެއްގައި ފެތުރިފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މާލީ ނިޒާމުގެ ތެރޭގައި ހިންގާ ބޮޑެތި ޚިޔާނާތްތަކަށް މަގުފަހިވަނީ އިދާރީ ގޮތުން ހިންގާ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، އިދާރީ ހިންގުން ހަރުދަނާކޮށް، ސިވިލް ސާވަންޓުން ޕްރޮފެޝަނަލިޒަމް އިސްކޮށްފިނަމަ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ފުރުސަތު އެއްކޮށް ބަންދުކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
""ދިވެހިރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ބޭނުންވާ ރައްޔިތުންގެ ފައިސާއިން އެންމެ ހިތްހަމަ ޖެހޭ ފަދަ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް، އަޅުގަނޑުމެންގެ އޮފީސްތައް ވެގެންދާނެ.،" މިނިސްޓަރު ވިދާޅުވިއެވެ.
ސިވިލް ސާވިސްގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމުގެ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކީ ސިވިލް ސާވަންޓުން ކަމަށެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް 32,500 ދާއިމީ މުވައްޒަފުންނާއެކު ޖުމލަ 35,000 އެއްހައި މުވައްޒަފުން ސިވިލް ސާވިސްގައި ތިބިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ އާބާދީގެ ކޮންމެ 15 މީހަކަށް މުވައްޒަފެއްގެ ނިސްބަތެވެ.
މިނިސްޓަރު ޝަފީޢު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އޮފީސްތަކުން ދޭ ޚިދުމަތްތައް އަވަސްކުރަންޖެހޭ ކަމަށާއި، އެކަން ކުރެވޭނީ މުވައްޒަފުން ގަވާއިދުން މަސައްކަތަށް ނުކުމެ، މަސައްކަތުގެ އަޚުލާގު ހިފަހައްޓައިގެން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްދާ "މޯލްޑިވްސް 2.0″ މަޝްރޫއުގެ ދަށުން، ކޮރަޕްޝަން ނައްތާލެވިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރު ވަނީ، ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، ހިތްހަމަޖެހޭ ފަދަ ޚިދުމަތްތަކެއް ދޭ ތަންތަނަށް ދައުލަތުގެ އޮފީސްތައް ހެދުމަށްޓަކައި، ކޮރަޕްޝަނާ ދެކޮޅަށް އައު އަޒުމެއް ކަނޑައެޅުމަށް މުޅި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ގޮވާލައްވާފައެވެ