ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެއަށް އެނބުރި އައި ހައްޖާޖީންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އެ ހޮސްޕިޓަލުން އިތުރުކޮށްފިއެވެ.
މި ބަދަލާ ގުޅޭގޮތުން ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، ކުރިން މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށް ހިންގަމުންދިޔަ ކްލިނިކުގެ ވަގުތު އިތުރުކުރަން ނިންމީ ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ކަމަށެވެ. މިހާރު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް މި ކްލިނިކުން ޚިދުމަތް ލިބޭނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ފާއިތުވި ދުވަސްތަކުގައި ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު ކިއުގައި ތިބެންޖެހިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބަލިވެގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ކްލިނިކް ގާއިމުކޮށްފައިވަނީ ހޮސްޕިޓަލުގެ މައި ކައުންޓަރު ކައިރިން ވާތްފަރާތުގައެވެ.
ހައްޖާޖީން މި ކްލިނިކަށް ވަޑައިގަންނަވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާސްކު އެޅުމަށާއި، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 1417 އަށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން މިހާރު ރާއްޖެ އައިސްފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗުންވެސް ވަނީ ހައްޖުވެރިންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން އައިޖީއެމްއެޗްގެ އީއާރަށް ވަޑައިގެން، އެއީ ހައްޖުން އެނބުރި އައި ފަރާތެއްކަން ޓްރައޭޖް ކައުންޓަރުގައި ބުނުމުން އިސްކަންދީގެން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ދުވަސްވަރަކީ ގައިން ގަޔަށް އަރާ ބަލިތައް އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ އިދާރާއިންވެސް ވަނީ ހައްޖާޖީންނަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.