MTCC

ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

Screenshot-2025-04-23-at-16.22.37

ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

SHARE

ބިދޭސީއެއްގެ އަތުން ފައިސާ ފޭރުމާއި، މަނީ ލޯންޑްރިންގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކުރިކަން ސާބިތުވެ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން 25 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި 2 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

ޖުމްލަ 25 އަހަރުގެ މި ހުކުމުން، އޭނާ ކުރިން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް އުނިކުރުމުން، ދެން ތަންފީޒު ކުރަން ޖެހޭނީ 24 އަހަރާއި 2 މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން 500,000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، ފޭރިގަތް 5 ލައްކަ ރުފިޔާ ތިން މަސް ތެރޭގައި އެ ބިދޭސީ މީހާއަށް ރައްދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އޭނާގެ ގެއިން ފެނުނު 4 ލައްކަ ރުފިޔާ ދައުލަތަށް ނެގުމަށް ވެސް ހުކުމުގައިވެއެވެ.

ޝަމްއާންގެ މައްޗަށް މި ދައުވާތައް އުފުލީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެ، އެ ފައިސާ އޭނާގެ ގެއަށް ގެންދިޔަ މައްސަލައިގައެވެ.

ހުކުމް އިއްވުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން ޝަމްއާން ވަނީ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މި ދައުވާތަކަކީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަޑީގައި ތިއްބަވައިގެން ކުރައްވާ ކަމެކެވެ. އަދި މިކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ، އިމިގްރޭޝަން ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ރައީސަށް ހުށަހެޅުމުން، އޭނާއަކީ "ލޯޔަލް" މީހެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ހެކިބަސް ދިން މީހުންނަށް ދައުލަތުން ލުއިތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝަމްއާންގެ ފަރާތުން ޖަލު ހުކުމުގެ ބަދަލުގައި ގޭބަންދު ނުވަތަ ޖޫރިމަނާގެ ލުއި އަދަބަކަށް އެދުނު ނަމަވެސް، ކޯޓުން ނިންމީ ދައުލަތުން އެދުނު ގޮތަށް ޖަލު އަދަބު ކަނޑައެޅުމަށެވެ.