ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
އިމިގްރޭޝަން މުވައްޒަފުންތަކަކާ ގުޅިގެން ބިދޭސީއެއްގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލާގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅާފައިވާއިރު، އޭނާ ވަނީ ރައީސް އާއި ވަޒީރު އިހުސާނުގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކުރައްވާފައެވެ.
މި މައްސަލާގައި ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަނީ ލޯންޑްރިންގެ ދައުވާއެވެ. މިއަދު ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ދައުލަތުން ވަނީ ޝަމްއާންގެ މައްޗަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމަކާއި، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅައިދިނުމަށް އެދިފައެވެ. މީގެ އިތުރުން އޭނާގެ ގެއިން ފެނުނު ފައިސާތައް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ. ނަމަވެސް ޝަމްއާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ ލުއި އަދަބެއް ދިނުމަށެވެ.
ހުކުމް ކުރުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޝަމްއާން ވަނީ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި، އޭނާއާ އެކު ހައްޔަރުކުރި މީހުންނަށް ދައުލަތުން "ޑީލްތަކެއް" ދީފައިވާ ކަމަށެވެ.
"މި އެންމެން އެމީހުން ބޭނުންކުރީ އަޅުގަނޑު ސީދާ މިގަ ބާނުވާލަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި. ކޯޓުގައި އަޅުގަނޑާ އެއްކޮޅަށް ބަޔާން ދިން މީހެއްގެ ބަޔާން ބަދަލުކޮށްފަ ހުލާސާ ބަޔާނަށް އައިއިރު އޭނަގެ ސްޓޭޓްމަންޓުވެސް އިނީ ބަދަލުވެފަ. ދައުލަތާއެކު އެއްބަސްވުމަކަށް އައިސްފަ. އޭނާ އަޅުގަނޑާ ދެކޮޅަށް ބަޔާން ދިނީމަ އޭނާއަށް ލުއި ލިބިއްޖެ،" ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ މައްޗަށް ހެކިނެތި މި ދައުވާތައް ކުރަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި އެޓާނީ ޖެނެރަލް އަންގަވައިގެންނެވެ. އަދި މިކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ މައްޗަށް ހެކިނެތި ސީދާ ދައުލަތުގެ ވެރިން އަންގަވައިގެން، އޭގެތެރޭ މިނިސްޓަރު އިހުސާން އެކަކު، މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލްއާ. މި ހުރިހާ ކަމެއް މިގޮތަށް ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑޜ. މުއިއްޒަށް ވަރަށް ރަނގަޅަށް އެނގޭނެ، އަޅުގަނޑު މިހުރިހާ ކަމެއް ވާކަން އެނގޭތީ ރައީސަށް އެވާހަކަތައް އަންގަމުން ކިޔައިދެމުން ދިޔައީ." ޝައްމާނު ވިދާޅުވިިއެވެ.
އިމިގްރޭޝަންގެ ތެރޭގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ ވާހަކަތަކާ ގުޅޭގޮތުން ޝަމްއާން ވިދާޅުވީ، ބަންގްލަދޭޝް ވޯކްޕާމިޓް އެޕްރޫވްކޮށް ކޯޓާ ވިއްކުމުގެ ކަންކަމުގައި ސީދާ ވަޒީރު އިހުސާން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، އެކަން ރައީސަށް އެންގެވުމުން ރައީސް ވިދާޅުވީ އޭނާއަކީ "ލޯޔަލް" މީހެއް ނޫން ކަމަށެވެ.
ޝަމްއާންގެ މި ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެ ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް." މުންދު ވިދާޅުވިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ވަނީ ޝައްމާނު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެގޮތުން މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގައި 8 އަހަރުގެ ޖަލު ހުކުމަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފީތީ 2 އަހަރަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމްކޮށްފައެވެ.