MTCC

ތިން ގައުމެއްގެ އައު ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ރިޕަބްލިކް އޮފް ފިލިޕީންސްގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން---ފޮޓޯ ރައީސް އޮފީސް

ތިން ގައުމެއްގެ އައު ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

SHARE

ދިވެހިރާއްޖެއަށް ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުއްވި ތިން ގައުމެއްގެ ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަކިވަކި ރަސްމިއްޔާތުތަކެއްގައި ފަތްކޮޅު އަރުވާފައިވަނީ ފިލިޕީންސް، ނެދަލެންޑްސް އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނެވެ.

މި ރަސްމިއްޔާތުތަކަށް ސަފީރުން ވަޑައިގަތީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައެވެ. އެބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ރައީސް އޮފީހަށް ހިނގާފައި ވަޑައިގަތުމުގެ ރަސްމީ އިއްޒަތް ވަނީ އަރުވާފައެވެ.

ފަތްކޮޅު އެރުއްވުމަށްފަހު، ސަފީރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ފިލިޕީންސް ސަފީރާއެކު ބޭއްވި މަޝްވަރާތައް

ފިލިޕީންސުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނީނާ ޕީ. ކައިންޖްލެޓް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ފުޅާކޮށް، މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ދެ ބޭފުޅުން އައުކުރެއްވިއެވެ.

ފަރަންސޭސިވިލާތުގެ ސަފީރާއެކު ބޭއްވި މަޝްވަރާތައް

ފަރަންސޭސިވިލާތުގެ އައު ސަފީރު ރެމީ ލޮބޭހް އާއެކު ބޭއްވި ބައްދަލުވުމުގައި، ފަތުރުވެރިކަމާއި، ކަނޑުދަތުރުފަތުރުގެ އިތުރުން ކަނޑުތައް ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށް ދެ ފަރާތުން އެއްބަސްވިއެވެ.

ފަރަންސޭސިވިލާތުގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން—ފޮޓޯ ރައީސް އޮފީސް

ނެދަލެންޑްސް ސަފީރާއެކު ބޭއްވި މަޝްވަރާތައް

ނެދަލެންޑްސުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ވިބޭ ޖޭކަބް ޑި ބޯރާ އާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމުގެ އިތުރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

ކިންގްޑަމް އޮފް ނެދަރލެންޑްސްގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން—ފޮޓޯ ރައީސް އޮފީސް

މި ތިން ސަފީރުންނަކީ ވެސް ރާއްޖޭގައި ގާއިމުވެ ތިއްބަވާ ބޭފުޅުންނަށް ނުވާތީ، އެ ބޭފުޅުންގެ މަސްއޫލިއްޔާތުތައް އަދާކުރައްވާނީ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައެވެ. މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.