MTCC

ވީއައިއޭ އަކީ ހުރިހާ ފަރާތްތަކަށް ހަމަހަމަ ޚިދުމަތެއް ލިބޭ އިންކްލޫސިވް ތަނަކަށް ހަދާނަން: ޝަރީފް

ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް ހުޅުވުން. --- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭ އަކީ ހުރިހާ ފަރާތްތަކަށް ހަމަހަމަ ޚިދުމަތެއް ލިބޭ އިންކްލޫސިވް ތަނަކަށް ހަދާނަން: ޝަރީފް

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަކީ ކޮންމެ ފަސިންޖަރަކަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި، އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ އެމްއޭސީއެލްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެއަރޕޯޓުގައި މިއަދު ހުޅުވި "ކާމް ރޫމް" އިފްތިތާޙްކޮށްދެއްވުމަށްފަހު ދެއްވި ތަޤުރީރުގައި ޝަރީފް ވިދާޅުވީ، މިއަދަކީ ވީއައިއޭގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ދުވަހެއް ކަމަށެވެ. އަދި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުވުނު މި ކާމް ރޫމަކީ އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، "އިންކްލޫސިވް" ނުވަތަ އެންމެން ބައިވެރިކުރާ މާހައުލަކަށް ހެދުމަށް ކުރާ ދަތުރުގައި ހާސިލްކުރެވުނު ރަންވަނައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް. އަޅުގަނޑުމެން ބޭނުންވަނީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ، އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދޭ މާހައުލެއް މި އެއަރޕޯޓުގައި އޮތުން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފުގެ ވާހަކަފުޅުގައި މި މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި އެކި ފަރާތްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، ކާމް ރޫމް ފަރުމާކުރުމާއި ފަންނީ ލަފާދިނުމުގައި އަދި އެއަރޕޯޓުގެ މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ވެދެއްވި ބޮޑު އެހީތެރިކަމަށްޓަކައި އެ މުއައްސަސާތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީ ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، މި ޚިދުމަތަކީ ހަމައެކަނި ޓަރމިނަލް 1 އަށް އޮތް ޚިދުމަތެއް ނޫނެވެ. ކުންފުނީގެ ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ކާމް ރޫމްތައް ވީއައިއޭގެ އައު ޓަރމިނަލް (ޓަރމިނަލް 2) އާއި ސީޕްލޭން ޓަރމިނަލްގައި ވެސް ޤާއިމުކުރުމެވެ. މީގެ ބޭނުމަކީ އެއަރޕޯޓުގެ ކޮންމެ ސަރަޙައްދަކުން ވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިތްހަމަޖެހުމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮލި" އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ދިވެހިރާއްޖޭގެ މައި ދޮރާށީގެ ޚިދުމަތްތައް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މިންގަނޑުތަކަށް ފެއްތުމަށް ސަރުކާރާއި އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަން ޝަރީފްގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.