ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ބޭރުފުށުން ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ނުވަތަ "ނަން-ވިޒިބަލް ޑިސްއެބިލިޓީސް" ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ކާމް ރޫމް" އެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެއަރޕޯޓުގެ ޓާމިނަލް 1 ގައި ގާއިމުކުރި މި ކާމް ރޫމް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
"ބޮލި" މި ނަމުގައި ތަޢާރަފްކުރި މި އައު ޚިދުމަތަކީ، އެއަރޕޯޓުގެ ކޫބޫނިޔާ މާހައުލުގެ ސަބަބުން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެހެން އެއަރޕޯޓުތަކުގައިވެސް ބޭނުންކުރާ މިންގަނޑުތަކަށް ފަރުމާކޮށްފައިވާ މި ކާމް ރޫމްގައި ތަފާތު ސެންސަރީ ވަސީލަތްތަކާއި، ކުދިންނަށް ބޭނުންވާނެ އެކްޓިވިޓީތައް ހިމަނާފައިވެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން އެމްއޭސީއެލް އިން ބުނީ، މި ކާމް ރޫމްގައި ފަސިންޖަރާއެކު އަންނަ ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ "ލެންޔާޑް" އެއް ލިބިގެންދާނެއެވެ. މި ލެންޔާޑުގެ ސަބަބުން އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން އެއަރޕޯޓުގެ މުވައްޒަފުންނަށް ފަސޭހައިން ދެނެގަނެވި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އެމްއޭސީއެލްގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ، އެމީހެއްގެ ހާލަތަށް ރިއާޔަތްކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމެވެ. މިއަދު ހުޅުވުނު މި ކާމް ރޫމަކީ އެ ކުންފުނިން ފަށާފައިވާ މިފަދަ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.