MTCC

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަށް 352 ޒުވާނުން މާފިލާފުއްޓަށް ފުރައިފި

ވަތަނީ ހިދުމަތުގެ ތަމްރީނަށް ބައިވެރިން މާފިލާފުއްޓަށް ފުރަން ތައްޔާރުވަނީ-- ފޮޓޯ: ރައީސް

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަށް 352 ޒުވާނުން މާފިލާފުއްޓަށް ފުރައިފި

SHARE

ދިވެހި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ދިވެހި ވަތަނީ ޚިދުމަތް" ނުވަތަ ނޭޝަނަލް ސާވިސް ޓްރޭނިންގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް 352 ޒުވާނުން މިއަދު ޅ. މާފިލާފުއްޓަށް ފުރައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޕްރޮގްރާމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލީ 1,785 ޒުވާނުންގެ ތެރެއިން، ފުރަތަމަ މަރުހަލާގައި 352 ބައިވެރިން މިހާރު ތަމްރީނަށް ފުރާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ. މި ބައިވެރިންނަކީ ރާއްޖޭގެ 20 އަތޮޅުގެ 115 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދޭނީ:

  • ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތަކަށްވުން.
  • ދީނީ ތަރުބިއްޔަތާއި އަޚްލާޤީ މިންގަނޑުތައް.
  • ލީޑަޝިޕް ހުނަރުތަކާއި ހަށިހެޔޮކަން.
  • ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންވާނެ އެކި ދާއިރާތަކުގެ ތަމްރީނު.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އިސްލާމީ ޢަޤީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ. މިއީ ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުން އުފެއްދުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަމްރީނަށް ފުރި ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ، މި ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ޕްރޮގްރާމެއްކަމުގެ ޔަޤީންކަން ދެއްވާފައެވެ.