މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޒަމީރު މަގާމުން އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވެސް ވަނީ މާލީ ވަޒީރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވާފައިވާކަން މީޑިއާތަކަށް ހާމަކުރައްވާފައެވެ.
މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ. މައުލޫމާތު ލިބުނުގޮތުގައި ޒަމީރު ވަނީ މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ސިންގަޕޫރުގައި ސާޖަރީތަކެއް ވެސް ކުރައްވާފައެވެ. އެހެންކަމުން، އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަތީ ސިއްހީ ހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުނދަގޫފުޅުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ދުވަސްތަކުގެ ތެރޭގައި ކެބިނެޓުގެ ބައެއް އެހެން ވަޒީރުން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި ބަދަލުތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ކެބިނެޓަށް ބަދަލުތައް ގެންނަވަނީ ވަޒީރުންގެ ނާގާބިލިއްޔަތުކަމުން ނުވަތަ ފަރުވާކުޑަވެގެން ނޫން ކަމަށާއި، އެއީ ސަރުކާރު ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ގެންނަވާ ބަދަލުތަކެއް ކަމަށެވެ.
މޫސާ ޒަމީރަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި މާލީ ދާއިރާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާ ބޭފުޅެކެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ޒަމީރު މިވަނީ ކެބިނެޓުން ވަކިވެވަޑައިގަންނަވަން ނިންމަވާފައެވެ.