މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސެގްމަންޓުތަކުގައި އައު ނަރުދަމާ އާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑުތަކުރުފާނު މަގުގެ 2، 3 އަދި 4 ވަނަ ސެގްމަންޓުގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު ގުޅާލުމުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ ތާވަލާ އެއްގޮތަށެވެ. އެގޮތުން، އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިންގ މަސައްކަތާއި، 150 މީޓަރުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، އެއްގަމު ތޮށި ބޭރަށް ޖެއްސުމަށްފަހު، މުޅި ސަރަހައްދުގައި ތާރު އަޅައިގެން ތަރައްޤީކުރުމެވެ.
މަގު ހެދުމުގެ އަމަލީ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ އެހެނިހެން ކަންކަމުގެ ތެރޭގައި:
- ދުވާރު ހެދުމާއި ދުވާރުގެ އަރިމަތީގައި ގާ އެޅުން.
- މައި ފެންހޮޅި ވަޅުލުމާއި ކޭބަލް ޖަންކްޝަންތައް ތައްޔާރުކުރުުން.
- ފެން ހިންދާ ނިޒާމު ޤާއިމުކުރުން.
- ތާރު އެޅުމުގެ ކުރިން މަގު އެއްވަރުކުރުމުގެ މަސައްކަތް.
މި މަޝްރޫޢަކީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ކުރިއަށްދާ މަޝްރޫޢެކެވެ. މަސައްކަތް ނިމޭއިރު، މާލޭގެ ޕާކިންގގެ މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް ސިލޯން ކުރިމަތިން ބޮޑު ޕާކިންގ ސަރަހައްދެއް ތަރައްޤީކުރެވޭނެއެވެ. މި ޕާކިންގ ޒޯނަކީ 500 އަށްވުރެ ގިނަ ސައިކަލް ފަސޭހަކަމާއެކު ޕާކުކުރެވޭނެ ގޮތަށް، ބަނދަރުން 98 މީޓަރު ދިގު އަދި 28 މީޓަރު ފުޅާ ސަރަހައްދެއް ހިއްކައިގެން ހަދާ ތަނެކެވެ.
މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، މަގު ފުޅާކުރުމަށް ނެގި ގަސްތައް އަލުން އިންދައި، އެ ސަރަހައްދު ފެހިކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ މި މަހުގެ ނިޔަލަށް މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމެވެ.