ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ސިއްހީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމެއްގެ ތަހުޒީބާއި އިންސާނީ އަހުލާގު ހުރި މިންވަރު އަންގައިދޭ ވަރަށް މުހިންމު ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގޭތެރެއިން ފެށިގެން ގައުމީ ފެންވަރުގައި އޮންނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށާއި، މިއީ ކޮންމެ ފަރުދެއްގެ ކިބައިގައި އަށަގަންނަންޖެހޭ ޒިންމާއެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ހައްލެއް" (From burden to solutions – Safe food everywhere) މި މައުޟޫއަށް އަލިއަޅުއްވާލައްވަމުން މެޑަމް ވިދާޅުވީ، ދިރިއުޅުމުގެ ރީތި އާދަތައް ފެށެނީ ޅަފަތުގެ ތަރުބިއްޔަތުގެ ތެރެއިން ކަމަށެވެ. އެގޮތުން މަދަރުސާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކަށް ވެސް ބައްލަވާލެއްވިއެވެ. އޭގެ ތެރޭގައި ފަންނީ ގާބިލުކަމާއި ވަސީލަތްތައް މަދުވުމުގެ އިތުރުން، ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި ހުރަސްތައް އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އަލަށް އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އެކުލަވާލަމުންދާ އުސޫލުތަކުގެ ސަބަބުން މި ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެކަމަނާ ފާޅުކުރެއްވިއެވެ.
"ދަނޑުން ސުފުރާއަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. މި ޒިންމާއަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ދެކެންޖެހޭ. އެހެން ނޫންކަމުގައި ވަނީ ނަމަ މިކަމެއް އަޅުގަނޑުމެންނަކަށް ހާސިލު ވެގެނެއް ނުދާނެ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ގޭގެ ފެންވަރުގައި ދަނޑުވެރިކަން ކުރުމަށް ފަހިވެފައިވާ ފުރުސަތުތަކާއި 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ލިބޭ ލުއިފަސޭހަތަކަށް ވެސް އެކަމަނާ ތައުރީފު ކުރެއްވިއެވެ.
މި ހަފްލާގައި ސިއްހީވަޒީރު ޤީލާ ޢަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މަޝްރޫއުތަކެއް ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ "ސަމާވަރު" ޕްރޮގްރާމް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ގީލާ އަލީއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ ރަސްމީ ހަރަކާތްތައް ފ. ނިލަންދޫގައި ބޭއްވުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.