ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސާދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ.
އިއްޔެ ހނދުނުން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު އިންތިޚާބު ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައި 62 ވޯޓުގެ ތަފާތުންނެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން:
އަބްދުﷲ ޞާދިގު (އެމްޑީޕީ): 1,375 ވޯޓު
އަހުމަދު ސައީދު (ޕީއެންސީ): 1,313 ވޯޓު
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,121 މީހަކަށް ލިބިގެންވާއިރު، އޭގެ ތެރެއިން ވޯޓުލާފައިވަނީ 2,730 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 66.25 އިންސައްތައެވެ. އިންތިޚާބުގައި ބާތިލު ވޯޓުގެ ގޮތުގައި 42 ވޯޓު ހިމެނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ހާމަވުމާ ގުޅިގެން، ސުޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކުރި ހުކުމަކާ ގުޅިގެންނެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 7 ފޮއްޓެއްގައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓެވެ.
ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޞާދިގަކީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުކަން ތިން ދައުރު ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އޭނާ ވަނީ ނިމިދިޔަ ސަރުކާރުގެ ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދަކީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރެވެ.